ނަސްލީ ތަފާތުކުރުމާއި ވަކި ނަސްލެއްގެ ބަޔަކީ ދަށް ބައެއް ކަމަށް މިހާވަރަށް ދޭހަވާ ގޮތަކަށް މީގެ ކުރިން އިސްތިހާރެއް ހަދާފައި ނުވާ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. މިއީ ޗައިނާގެ ދޮންނަކުނޑިއެއްގެ އިސްތިހާރެވެ. ފެންނަނީ ދޮންނަ މެޝިނެއްގެ ތެރެއަށް ކަޅު ނަސްލުގެ މީހަކު ލުމަށް ފަހު އެ ދޮންނަ ކުނޑި އަޅައިގެން ދޮވެލުމުން ދޮން މީހަކަށް ބަދަލުވާ ތަނެވެ.

ގޭގައި މަސައްކަތެއް ކުރަން އުޅޭ ކަޅު ނަސްލުގެ ފިރިހެނަކު، ދޮން އަންހެނަކަށް ލޮލުން ކޮށްލާ އިޝާރާތަކަށް ފަހު ފިރިހެން މީހާ ކައިރިއަށް އައުމުން އޭނާގެ އަނގަޔަށް ޑިޓަޖެންޓް ޓެބެއް ލެއްވުމަށް ފަހު މެޝިނުން ދޮވެލައި ދޮންކޮށްލަނީ އެވެ. އިސްތިހާރުން ދައްކައިދެނީ އަންހެން މީހާ ބޭނުންވަނީ ދޮން މީހެއް ކަމަށާއި އެކަން ވަނީ އިސްތިހާރުކުރާ ދޮންނަކުނޑިން ކަމަށެވެ.

މި އިސްތިހާރު ޗައިނާގައި ދައްކާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. ކުއްލިއަކަށް މި އިސްތިހާރަށް ސަމާލުކަން ލިބި މިއީ "ދުނިޔޭގެ އެންމެ ރޭސިސްޓް އިސްތިހާރު" ކަމަށް އެތައް ބަޔަކު ބުނަން ފަށާފައި ވަނީ އެމެރިކާ މީހަކު މި އިސްތިހާރު ސޯޝަލް މީޑިއާގައި ޝެއާކުރުމާ އެކުގަ އެވެ.

މި ޑިޓާޖެންޓް ހެދި ކުންފުނީގެ ވެރިޔާ ބީބީސީ ޗައިނީޒް އަށް ބުނެފައި ވަނީ އެ އިސްތިހާރާ ބެހޭ މާގިނަ މައުލޫމާތެއް ނޭނގޭ ކަމަށާއި އެކަމަކު އެއީ ރޭސިސްޓް އިސްތިހާރެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެއްބަޔަކު ބުނަނީ މިއީ ޗައިނާގައި މިކަހަލަ "އާދަޔާ ހިލާފު" އިސްތިހާރެއް ދެއްކި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އަދި ޗައިނާގައި ރޭސިޒަމް މާނަކުރާ ގޮތް ވަރަށް ތަފާތު ކަމަށާއި މިއަށް އެހެން ގައުމުތަކުގެ މީހުންނަށް ފާޑު ކިޔަން ނޭނގޭ ކަމަށް ވެސް އެތައް ބަޔަކު ބުނެ އެވެ.