25 އޯގަސްޓް 2016 - 06:22

އަލީ ޝާހިދު (ސްޓެޕް އައްޔަ) މި ފަހުން ހަރަކާތްތެރިވީ ސިޔާސީ ދާއިރާގަ އެވެ. އެކަމަކު ނެށުމާއި ފިލްމީ ދާއިރާ އިން ކުރިން ފާހަގަކޮށްލެވުނު ފަންނާނު ސިޔާސީ ކަންކަމުން ދުރުވެ އަނެއްކާވެސް އޭނާގެ ހުނަރުގެ ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.

މިހާރު 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުން އައްޔަގެ ސިޔާސީ މަގާމު ވެސް ގެއްލުނެވެ. އެހެންވެ މި ދަނޑިވަޅު އޭނާގެ ހުރިހާ ވެސް ފޯކަސްއެއް އޮތީ ފިލްމީ ދާއިރާ އިން ކުރިއަށް ދާށެވެ.

ނެށުންތެރިއެއްގެ ގޮތުގައި ލިބުނު މަޝްހޫރުކަމާ އެކު އައްޔަ ވީޑިއޯ ލަވަތައް ވެސް ކުޅުނެވެ. އަދި މީގެ އަހަރުތަކެއް ކުރިން ދިޓީވީން ގެނެސް ދިން ސިޔާސީ ޑްރާމާ ސިލްސިލާ، "ސަޅި ވާހަކަ" ގެ ވަރަށް ގިނަ އެޕިސޯޑްތަކަކުން އޭނާ ފެނުނެވެ. އަދި ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ދާދި ފަހުން ހެދި "ބިތުފަންގި" ޑްރާމާގެ އެޕިސޯޑެއްގައި ސިޔާސީ މީހެއްގެ ރޯލު ވެސް އޭނާ ކުޅުނެވެ.

ފިލްމީ ދާއިރާގެ މަސައްކަތްތަކެއް އައްޔަ މިހާރު ވަނީ ފަށައިފަ އެވެ.

"މިހާރު މިހިރީ ސިޔާސީ ދާއިރާއާ ދުރުވެ ފިލްމީ ދާއިރާ އިން ކުރިއަށް ދާން ނިންމައިގެން. ކުރިއަށް އޮތް ތަނުގައި އައްޔަގެ ގިނަ މަސައްކަތްތަކެއް ބެލުންތެރިންނަށް ފެނިގެން ދާނެ،" އޭނާ ބުންޏެވެ.
އަންނަ މަހު ރިލީޒް ކުރާ ކޮމެޑީ ފިލްމު "ބައިވެރިޔާ" ގައި ވެސް އައްޔަ އުޅެ އެވެ.
"އެ ފިލްމުގެ އިތުރަށް މާއެނބޫ މިހާރު ހަދަމުން އަންނަ 'ނޭދެން ވަކިވާކަށް' އޭގައި ވެސް ބޮޑު ރޯލަކުން ފެނިގެން ދާނެ. އަދި އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް، ޔޫއްޕެ ޑައިރެކްޓް ކުރާ އިތުރު ފިލްމެއްގެ ލީޑް ރޯލް ވެސް ލިބިފައިވޭ،" އައްޔަ ބުންޏެވެ.
ފިލްމީ މަސައްކަތްތަކުގެ އިތުރުން ސްޓޭޖް މަތިން ވެސް އައްޔަ ދެން ފެންނާނެ އެވެ. އެގޮތުން ކުރިއަށް އޮތް ބޮޑު އީދުގައި ލ. އަތޮޅާއި ތ. އަތޮޅުގައި ޝޯތަކެއް ދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އައްޔަ މިހާރު ހިމެނޭ ގްރޫޕްގައި ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އާއި ނެށުންތެރިޔާ އަދި އެކްޓަރު އަލީ އާޒިމް (ދޮން އައްޔަ) ވެސް އުޅެވެ. ގްރޫޕް މެނޭޖް ކުރުމުގެ އިސް މީހަކީ އެކްޓަރު އަހުމަދު ސައީދެވެ. ގްރޫޕަށް އަދި ވަކި ނަމެއް ނުދެ އެވެ.
"ކުރިއެކޭ އެއްގޮތަށް ނެށުމާއި ފިލްމީ ދާއިރާގެ މަސައްކަތްތަކުގައި ދެން ވަރަށް ބޮޑަށް އުޅޭނަން. މިއީ ރަނގަޅަށް އުޅެން އެނގިއްޖެ ނަމަ އާމްދަނީ ހޯދަން ވެސް ރަނގަޅު ދާއިރާއެއް ކަމަށް އަހަރަން ގަބޫލްކުރަނީ،" އައްޔަ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ މަޝްހޫރު ހުރިހާ ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
"އެނބުރި އަންނަން ޓެޑްރީގެ އެއްޗަކުން ފުރުސަތެއް ލިބުމަކީ ވަރަށް ކާމިޔާބު ކަމެއް ކަމަށް އަހަރެން ދެކެނީ. ވަރަށް ބޭނުން ޔޫސޭއާ އެކު ވެސް މަސައްކަތްކޮށްލަން،" ވިޝް ލިސްޓްގައި ނަހުލާ އާއި ފައްތާހު އަދި ނިމާލް ވެސް ހިމެނޭކަން ފާހަގަކޮށް އައްޔަ ބުންޏެވެ.
އޭނާ ހުރީ މުނިފޫހިފިލުވުމުގެ ދައިރާގެ ކުރިއެރުމަށް ވެސް ކަންތައްތަކެއް ކުރަން ނިންމައިގެންނެވެ. އެގޮތުން ލަވަ ވީސީޑީތަކުގެ ފޯރި އަނެއްކާވެސް ގަދަކުރަން މަސައްކަތް ކުރުމާއި ޒުވާން އާ ކުދިން ފިލްމީ ދާއިރާ އަށް ނެރުން ހިމެނެ އެވެ.
"އާ ކުދިން މި ދާއިރާ އަށް ނެރެ ގިނަ ބަޔަކު މަސައްކަތް ކުރާ ދާއިރާއަކަށް ފިލްމީ ދާއިރާ ވާން ބޭނުން. އެހެންވެ އަމިއްލަ އަށް ވެސް ކަންކަން ދަސްކޮށްގެން މީހުން ބިނާ ކުރަން މަސައްކަތް ކުރާނަން،" އައްޔަ ބުންޏެވެ.
ސިޔާސީ ދާއިރާ މުޅިން ދޫކޮށްލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.
"ކުރިން ވެސް ހުރި މަގާމުގެ ގޮތުން މި ދާއިރާގެ ކުރިއެރުމަށް އެކި ލެވެލްތަކުގައި މަސައްކަތްތަކެއް ކޮށްދެވުނު ކަމަށް ގަބޫލުކުރަން. އެހެންވެ ދެން ވެސް އެކަހަލަ ފުރުސަތެއް ތަނަވަސްވީ ދުވަހަކުން ސިޔާސީ ކަންކަމުގެ ތެރެއިން ފެންނާނެ،" އައްޔަ ބުންޏެވެ.
"މުނިފޫހިފިލިވުމުގެ ދާއިރާއަކީ އަބަދުވެސް ވަރަށް ލޯބިވާ ދާއިރާއެއް. އެހެންވީމާ މި ދާއިރާއަކުން ނުގެއްލޭނެ."