11 ފެބުރުއަރީ 2019 - 14:48

ރިޔާޒް (ފެބްރުއަރީ 11) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ ބައިނަލްއަގުވާމީ ތަހުގީގެއް ބޭނުމެއް ނުވާ ކަމަށް ސައުދީ އަރަބިއާގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ޕްރޮގްރާމް "ފޭސް ދަ ނޭޝަން" ގައި ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވީ އޮކްޓޯބަރު 2 ވަނަ ދުވަހު ޚާޝުގްޖީ މަރާލުމަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގައި ސައުދީ ލީޑަޝިޕުގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށެވެ.
"ނޫސްވެރިޔާ މަރާލަން ވަލީ އަހުދު އަމުރެއް ނުކުރައްވާ. ނޫސްވެރިޔާ މަރާލުމަކީ މުޅި ގައުމަށް ވެސް ލިބުނު ޝޮކެއް،" ޚާޝުގްޖީ މަރާލި އިރު ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރަކަށް ހުންނެވި އަލް ޖުބައިރު ވިދާޅުވި އެވެ.
ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރޭން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސައުދީ އަރަބިއާގެ ޑިޕިއުޓީ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ޚާޝުގްޖީ މަރާލީ އިންޓަލިޖެންސް އޮފިސަރެއްގެ އަމުރަށް ކަމަށެވެ.
އަލް ޖުބައިރު މި މޭރުމުން ވާހަކަ ދެއްކެވި އިރު އދ.ގެ ވަކީލުން ހިމެނޭ ތަހުގީގު ޓީމަކުން ވަނީ ނޫސްވެރިޔާގެ މަރުގެ ތަހުގީގެއް ހިންގައިފަ އެވެ. އެ ތަހުގީގުގެ ޕްރިމިލިނަރީ ރިޕޯޓުގައި ބުނެފައި ވަނީ ނޫސްވެރިޔާ މަރާލީ ދުރާލައި ރާވައިގެން ކަމަށެވެ. އަދި ތަހުގީގަށް ހުރަސް އަޅަން ސައުދީން މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އދ.ގެ ޓީމުގެ ފައިނަލް ރިޕޯޓް ނެރޭނީ ޖޫން މަހު އެވެ.
ޖުބައިރު ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ އަގްނީސް ކަލަމާޑް ގެންދަވަނީ އދ.ގެ ތަހުގީގަށް ވުރެ ބޮޑަށް އޭނާގެ އަމިއްލަ ޚިޔާލު ހާމަކުރަމުން ކަމަށެވެ. އަދި ތަހުގީގު ކުރުމަށް އދ.ގެ ޓީމެއް ސައުދީ އަށް ވަނުމަށް ހުއްދަ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
އަލް ޖުބައިރު ވިދާޅުވީ މަރާލި ނޫސްވެރިޔާގެ ހަށިގަނޑުވީ ތަނެއް ނޭނގޭ ކަމަށެވެ.