11 ފެބުރުއަރީ 2019 - 01:49

މެންޗެސްޓާ (ފެބްރުއަރީ 11) – ސާޖިއޯ އަގުއޭރޯގެ ހެޓްރިކާ އެކު ޗެލްސީ އަތުން ތަފާތު ބޮޑުކޮށް، 6-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް މެންޗެސްޓާ ސިޓީން އަރައިފި އެވެ.
މިއީ 1991 ވަނަ އަހަރު ނޮޓިންހަމް ފޮރެސްޓް އަތުން 7-0 އިން ބަލިވި ފަހުން ޗެލްސީ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. މި ނަތީޖާއާ އެކު ކޯޗު މައުރީޒިއޯ ސާރީގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވަނީ ބޮޑުވެފަ އެވެ.
ސިޓީން އެއް ވަނަ އަށް މި އެރީ އިތުރަށް އެއް މެޗު ކުޅެގެން 65 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ދެ ވަނަ އަށް މިހާރު ވެއްޓިފައިވާ ލިވަޕޫލުގެ އަތުގައި ވެސް 65 ޕޮއިންޓް އެބައޮތެވެ. ސިޓީ އަތުގައި ފައިދާ 54 ގޯލް އޮތްއިރު ލިވަޕޫލުގެ އަތުގައި އޮތީ 44 ގޯލެވެ.
މި މެޗުން ބަލިވުމުން ޗެލްސީ ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 50 ޕޮއިންޓް ލިބިފައިވާއިރު އެ އަދަދަށް ޕޮއިންޓް އެއްކޮށް ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތީ އާސެނަލެވެ. ހަތަރު ވަނައިގައި 51 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު 60 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ މިރޭ ލެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
މެންޗެސްޓާ ސިޓީން ވަނީ މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭ ހަތަރު ގޯލް ޖަހައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ރަހީމް ސްޓާލިން އެވެ. ދެ ވަނަ ގޯލާއި ތިން ވަނަ ގޯލް، 13 ވަނަ މިނެޓާއި 19 ވަނަ މިނެޓުގައި ޖެހީ އަގުއޭރޯ އެވެ. ހަތަރު ވަނަ ގޯލް ކާމިޔާބުކުރީ އިލްކޭ ގުންޑޮގާން އެވެ. ދެ ވަނަ ހާފުގައި ސިޓީ އަށް ތަފާތު ބޮޑުކޮށްދިނީ ޕެނަލްޓީއަކުން އަގުއޭރޯ އަދި ސްޓާލިން އެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ސާރީ ވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ސަލާންނުކޮށް ޓަނެލް ތެރެއަށް ވަދެގެން ގޮސްފަ އެވެ. ވަޒީފާއާ ބެހޭގޮތުން ސުވާލުކުރުމުން ސާރީ ބުނީ އޭނާ އަށް އެއްޗެއް ބުނަން ނޭގޭ ކަމަށެވެ.
"ކްލަބުގައި އަހަން ޖެހޭނީ. އަހަރެން ކަންބޮޑުވަނީ ޓީމާ މެދު، ކުޅުމާ މެދު. އަހަރެންގެ ވަޒީފާ އަބަދުވެސް އޮންނާނީ ރިސްކެއްގެ ތެރޭގައި،" ސާރީ ބުންޏެވެ.