26 އޯގަސްޓް 2016 - 07:08

ބޮލީވުޑްގެ ބަތަލާ ނަރްގިސް ފަޚްރީގެ ވާހަކަ ފަހަކަށް އައިސް މީޑިއާތަކުން ވަރަށް ގިނައިން ފެނެ އެވެ. އޭނާ އާއި އުދޭ ޗޯޕްރާ ކައިވެނިކުރަން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށް ކުއްލިއަކަށް އުދޭ ނަރްގިސްއާ ކައިވެނި ނުކުރާނެކަމަށް ބުނުމުން ނަރްގިސް ހިތް ހަލާކުވި ވާހަކަޔާއި ނަރްގިސް އިންޑިއާ ދޫކޮށް ދިޔަ ވާހަކައެއް ވެސް ވަރަށް ހޫނުކޮށް ދެކެވިފައިވެ އެވެ.
ނަމަވެސް ނަރްގިސް ބުނާ ގޮތުގައި މީޑިއާގައި ފެތުރުނު އެއްވެސް ވާހަކައަކީ ތެދެއް ނޫނެވެ. ހަގީގަތުގައި އޭނާއަށް ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްޔެއް ޖެހިފަ އެވެ. އޭނާ އެމެރިކާއަށް ކުއްލިއަކަށް ފުރައިގެން ދިޔައީ އާސެނިކް އަދި ލެޑް ވިހަ ވެގެންނެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެންއޭ އަށް ދީފައިވާ އިންޓަވިއުއެއްގައި ނަރްގިސް ބުނީ އޭނާއަށް އާސެނިކް އަދި ލެޑް ވިހައިގެ މައްސަލަ ދިމާވި ނަމަވެސް އެއްވެސް މީހަކަށް އޭނާއަށް ވާގޮތް ނޭނގޭ ކަމަށެވެ.
މި މައްސަލަ ވަރަށް ގިނަ ގޮތްގޮތުން ދިމާވެދާނެ ކަމަށާއި އާސެނިކް އާއި ލެޑް ފެނުގައި ނުވަތަ ކާއެއްޗެތީގައި ވެސް ހުރެދާނެ ކަމަށެވެ. ދުވަސްވެފައި ހުންނަ އިމާރާތްތަކުގައި ހުންނަ ޒަމާންވީ ހޮޅިތަކުން އަންނަ ފެނުގައި ވެސް މި ބާވަތްތައް ހިމެނިދާނެ ކަމަށް ނަރްގިސް ބުންޏެވެ.
އޭނާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ހަށިގަނޑުގައި އާސެނިކް އާއި ލެޑްގެ ވިހަ ހުރި މިންވަރު މަތިކަމުން ޑޮކްޓަރު ވެސް ހައިރާންވި ކަމަށް ނަރްގިސް ބުންޏެވެ.
ނަރްގިސް ބުނީ އޭނާގެ ބައްޔަށް ކުރީ އަޔުރްވެދާ ފަރުވާ ކަމަށެވެ. އަދި ހަ މަސް ތެރޭ ރަނގަޅު ވެފައިވާ ކަމަށް ވެސް ނަރްގިސް ބުންޏެވެ.
ނަރްގިސް، 36، ބުނީ ކައިވެންޏެއް ކުރަން ނުވިސްނާ ކަމަށެވެ. ކައިވެނިކޮށްގެން އުޅޭ މީހުން ވަރިވާ ތަނާއި ވަރި ނުވެ ވެސް ބައިވެރިޔާއަށް ބޭވަފާތެރިވާތަން އަބަދު ފެންނާތީ ކައިވެނި ކުރަން ޖެހިލުން ވާކަމަށް ވެސް ނަރްގިސް ބުންޏެވެ.