10 ފެބުރުއަރީ 2019 - 19:32

އަހަރީ ޗުއްޓީގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ސާވިސް އެލަވަންސް ދޭ ގޮތަށް ހެލްތު މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީގެ ހިއުމަން ރިސޯސަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޗުއްޓީގައި އަދި އޮފް ދުވަސްތަކުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުންގެ ސާވިސް އެލަވަންސަށް ބަދަލުގެންނަން ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުއްދަ ދީފައިވާ ކަމަށެވެ. އެހެންވެ، އެ ހުއްދަ ދިން ދުވަހުން ފެށިގެން ސާވިސް އެލަވަންސްގެ އުސޫލަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފް ދުވަސްތަކާއި އަހަރީ ޗުއްޓީގައި ތިބޭ ނަރުހުންނަށް މީގެ ކުރިން ސާވިސް އެލަވަންސް ދިނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ސާވިސް އެލަވަންސް ދޭން ފެށީ ހަމައެކަނި މަސައްކަތަށް ނުކުންނަ ދުވަސްތަކަށް އެކަންޏެވެ.
ސަރުކާރުން ވަނީ މީގެ ކުރިން ނަރުހުންނަށް ދެމުން ދިޔަ ބައެއް އެލަވަންސްތައް ކަނޑާލައި މުސާރަ ބޮޑުކޮށްފަ އެވެ. ނަމަވެސް ގެއަށް ގެންދަން ލިބޭ ޖުމްލަ އާމްދަނީ ކުޑަ ކަމަށް ބުނެ ނަރުހުން ކަންބޮޑުވުން ފާޅުކުރި އެވެ.
: