12 ފެބުރުއަރީ 2019 - 07:28

ކުރީގެ މަގުބޫލު ލަވަތަކުގެ މިއުޒިކް ގަޑުބަޑުކޮށްގެން މި ފަހުން ފިލްމުތަކުގައި ހިމަނައިގެން އޮރިޖަނަލް ލަވަތައް ހަލާކުރާތީ އަމާޒުވާ ފާޑު ކިޔުންތައް އަބަދުވެސް ބޮޑެވެ. ބޮލީވުޑްގެ ތަޖުރިބާކާރު މިއުޒިޝަނުންނާއި ލަވަކިޔުންތެރިން ވެސް މި ޓްރެންޑާ ވަރަށް ދެކޮޅެވެ.
އެގޮތުން ކުރީގެ ލަވަތައް ހަލާކު ކުރާތީ އެންމެ ބޮޑަށް ފާޑުކިޔާ އެކަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ ލަތާ މަންގޭޝްކަރެވެ. މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޓޯޓަލް ދަމާލް" ގައި ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "މުނގުޅާ" ގެ ޒަމާނީ ވާޝަނެއް ހިމެނުމުން އެކަމަށް ވެސް ލަތާ ވަނީ ފާޑު ކިޔައިފަ އެވެ.
އަދި އެ ލަވައިގެ އަޑުގެ ވެރިޔާ ލަތާގެ ކޮއްކޮ އޫޝާ މަންގޭޝްކަރް ވެސް އޭނާގެ ހިތްގައިމު ލަވަ ހަރާބުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. "ޓޯޓަލް ދަމާލް" ގައި ހިމެނޭ "މުނގުޅާ" ކިޔާފައި ވަނީ ޖިއޯތިކާ ތަންގްރީ އާއި ޝާންގެ އިތުރުން ސުބްރޯ ގަންގޫލީ އެވެ. އަދި ލަވައަށް ރެޕްގެ ބަޑިތަކެއް ވެސް ގެނެސްފައިވެ އެވެ.
ސޮނާކްޝީ ސިންހާ އާއި އަޖޭ ދޭވްގަންގެ ނެށުމުގެ ހަރަކާތްތައް ފެނިގެންދާ ލަވައިގެ މިއުޒިކް ގަނޑުބަޑުކޮށްފައި ވަނީ ގޯރަވް-ރޯޝިން އެވެ.
އޫޝާ ކިޔާފައިވާ "މުނގުޅާ" އަކީ 1977 ގެ ފިލްމު "އިންކާރު" ގައި ހިމެނޭ ލަވައެކެވެ. އަދި މި ލަވައިގެ މިއުޒިކް ހަދާފައި ވަނޫ ރާޖޭޝް ރޯޝަނެވެ. އެ ލަވައިގެ ވީޑިއޯ ފެންނަނީ ކުރީގެ އައިޓަމް ގާލް ހެލެން އެވެ.
އޫޝާ ޑެކަން ކްރިނިކަލް އަށް ބުނި ގޮތުގައި އެ މީހުންގެ ލަވަ ބަޔަކު ހަރާބުކޮށްލީ ލަވަ ފިލްމެއްގައި ހިމަނަން ހުއްދަ ހޯދުމަކާ ވެސް ނުލައި ބޭނުންކޮށްގެންނެވެ. އެހެންވެ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް 83 އަހަރުގެ ލަވަކިޔުންތެރިޔާ ބުންޏެވެ.
"އެއީ އަހުލާގީ ގޮތުން ވެސް ވަރަށް ދަށް ފެންވަރުގެ ކަމެއް،" އޫޝާ ބުންޏެވެ. "ބަޔަކު ކޮށްފައި އޮން ބުރަ މަސައްކަތެއް ހަލާކުކޮށްލުމުގެ އެއްވެސް ހައްގެއް އޮވެގެން ނުވާނެ."
ރާޖޭޝް ވެސް ބުނި ގޮތުގައި ކުރީގެ މަގުބޫލު ލަވަތަކާ މިހާރުގެ މިއުޒިޝަނު ކުޅެނީ އެ މީހުންގެ އުފެއްދުންތެރިކަން ދަށްކަމުންނެވެ. އަދި ލަވައެއް އިންސްޕަޔާކޮށްގެން ލަވައެއް ހެދުމަކީ މައްސަލައެއް ނޫން ކަމަށާއި މައްސަލައަކީ ކުރީގެ ލަވަތައް ހަލާކުކޮށްލާތީ ކަމަށް ބުންޏެވެ.