24 އޯގަސްޓް 2016 - 18:29

ގޭތެރޭގެ ވައި ސާފުކޮށްދޭ އަދި ފަންގަސް އާއި ބެކްޓީރިޔާ ވެސް ނުޖަހާ ހާއްސަ ކުލައެއް ސޮނީ ހާޑްވެއާ އިން ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ ސާމާނު ވިއްކާ ސޮނީން އަލަށް ތައާރަފްކުރި ކުލައަކީ އެ ކުންފުނިން ވިއްކާ ކެޕަރޯލް ބްރޭންޑްގެ "ކެޕަކެއާ އެއާ ޕިއުރިފައި" އެވެ. ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ފިހާރައިން އެ ކުލަ ލިބެން ހުންނާނެ ކަމަށް ސޮނީ ހާޑުވެއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ގޭތެރޭގައި ހުންނަ ފަރުނީޗަރުގައި ހުންނަ ތެރަހުން ނުކުންނަ ފޯމަލްޑިހައިޑް ކިޔާ ވިހަ މާއްދާ ސާފުކޮށްލަދޭ ކުލައެއް މިއީ. މި ކުލަ ލުމުން އެ ވިހަ މާއްދާ ވޯޓާ ވޭޕާސް [އާވި]އަށް ބަދަލުކޮށްލަނީ. މި ކުލަ ފާރުގައި ލުމުން އެ ވިހަ މާއްދާ ނެތިކޮށްލާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެޕަކެއާ އެއާ ޕިއުރިފައިގެ ބޭނުން ވައްތަރެއްގެ ކުލަ އެތަނުން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ތަފާތު ތިން ސައިޒެއްގެ ދަޅު ގަންނަން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ކުލައަކީ އެހާ އަގުބޮޑު ކުލައެއް ނޫން. މާކެޓްގައި ލިބެން ހުރި ކުލަތަކާ އަގުގެ މާ ބޮޑު ތަފާތެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ސޮނީ ހާޑްވެއާއިން މި ކުލަ ތައާރަފްކޮށްފައި ވަނީ ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ އެންޑް މޯލްޑިވްސް 2016ގަ އެވެ.
ސޮނީ ހާޑުވެއާ އިން އަންނަނީ އެ އެގްޒިބިޝަންގައި ކެޕަރޯލް ކުލައިގެ އިތުރުން، އޮސްރާމް، ލެޑްވާންސް ބޮކި، ޑިއުރަވިޓް ސެނިޓަރީ ވެއާ، ސާފުކުރަން ބޭނުން ކުރާ "ކާޗާ" ބްރޭންޑްގެ ސާމާނާއި އޭބީބީ ކަރަންޓް ސާމާނުތަކާ ބެހޭ މައުލޫމާތު ވެސް އާއްމުންނަށް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން އަލަށް ތައާރަފްކުރާ ޔޫރަޕްގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ދޮރުފަތުގައި ހުންނަ ހުރިހާ ތަކެތި އުފައްދާ "ޑޯމާ"ގެ އުފެއްދުންތަކާއި "ޖޯސޮފް ޖޯސޮފް" ބްރޭންޑްގެ ބަދިގޭގެ ސާމާނާއި ބަދިގެ އަދި ގޭތެރޭގައި ބޭނުންކުރާ ސާމާނު އުފައްދާ "ނޯމަން ކޯޕަންހޭގަން" ބްރޭންޑްގެ ސާމާނާ ބެހޭ މައުލޫމާތު ވެސް އެތަނުން ދެ އެވެ. އެމެރިކާގައި އުފައްދާ މަޝްހޫރު "ކޮރޭލް" ބްރޭންޑްގެ ބަދިގޭގެ ތަށި ފަދަ ތަކެތި ވެސް ދައްކާލަން ބަހައްޓާފައިވެ އެވެ.
އެ އެގްޒިބިޝަންގައި ސޮނީން ކާޗާ ބްރޭންޑްގެ ސާމާނުގެ ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިޔަށް އެބަ ގެންދެ އެވެ. އެގޮތުން 20 ޕަސެންޓްގެ ސޭވިންއަކާ އެކު ވިޔަފާރިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ސޮނީން ބުންޏެވެ.
އެ އެގްޒިބިޝަންގައި ސޮނީން ހުޅުވާފައިވާ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތަކުން ކޮންމެ ދުވަހަކު ދަނީ 10،000ރ.ގެ ގިފްޓް ވައުޗަރެއް ދެމުންނެވެ.
ސޮނީ ހާޑްވެއާ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަތާ 46 އަހަރު ވެފައިވާ ބޮޑު ކުންފުންޏެކެވެ.