10 ފެބުރުއަރީ 2019 - 12:21

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، ސަސްޕެންޑްކޮށްފައިވާތީ ޖެހިލުން ނުވާ ކަމަށާއި ބޭނުންކުރީ ލިބިފައިވާ ހައްގަކަށްވާތީ ސަސްޕެންޑްކުރެވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނަޝީދު (ނާޝް) ވިދާޅުވެއްޖެ އެވެ.
އެ ކްލަބުން ވަނީ އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓުލުމުގެ ހައްގު ލިބޭ 24 ކްލަބުގެ ތެރެއިން 19 ކްލަބެއްގެ ސޮޔާ އެކު އެފްއޭއެމް ދެކޮޅަށް ހަތް ނުކުތާއެއް ފާހަގަކޮށް، އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން މިއަދު ހުށަހަޅައިފަ އެވެ.
އެއީ ނާޝިދު ވިދާޅުވި ގޮތުގައި ނިއު ރޭޑިއަންޓުން ހުށަހަޅަން ކުރިން ތައްޔާރުވި މައްސަލަ އެވެ. އެކަމަކު އެފްއޭއެމުން ނިއު ސަސްޕެންޑްކުރުމުން އެކަންވާ ގޮތް ނުވީ އެވެ. އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް ކަމަށް ބުނެ އެވެ. އެކަމަކު ނިއު އިން ތުހުމަތަކުރަނީ ސަސްޕެންޑްކުރީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން އުޅޭތީ ކަމަށެވެ.
"އަޅުގަނޑުމެން ޖެހިލުމެއް ނުވޭ ކުޑަކޮށް ވެސް އިނގޭތޯ. އެއްގޮތަކަށް އެކަލަ ޖެހިލުމެއް ވާނަމަ އަޅުގަނޑުމެންނަށް މިކަމައިގެން ނޫޅެވޭނެ. އެއީކީ އަޅުގަނޑަކަށް ނުފެނޭ އެއްވެސް ކަހަލަ ސަބަބެއް ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރެވޭނެ، ކުރަން ޖެހޭ ވެސް،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޯޓް ލެވޭ 50 ޕަސެންޓުގެ ކްލަބް ސޮއިކޮށްފައި ހުށަހަޅައިފިއްޔާ 15 ދުވަސް ތެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާއިރު އެކަމަށް މަސައްކަތްކުރުމަކީ ވިކްޓްރީ އަށް ވެސް ލިބޭ ހައްގެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ވެސް އެބައޮތް ދަރަންޏާ އެއްޗެހި. އެފްއޭއެމް އެދިގެން އަޅުގަނޑުމެން ޕްލޭޔާ ސްޓޭޓަސް ކޮމިޓީއާ ވެސް ބައްދަލުކޮށްފައި ކިޔާދީފިން ކުރިއަށް ގެންދާނެ ގޮތް. އެއްވެސް ހާލަތެއްގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ދަރާފައި އޮތް ދަރަންޏެއް ނުދައްކާނެ ވާހަކައެއް އެއްވެސް ތަނެއްގައި ނުދައްކަން،" ސަސްޕެންޑްކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް އިޝާރާތްކުރައްވައި ނާޝިދު ވިދާޅުވި އެވެ.
ވިކްޓްރީގެ ދަރަނި އޮތުމަކީ ސަސްޕެންޑްކުރަން ޖެހޭ މައްސަލައެއް ކަމަށް ވަންޏާ، ވިކްޓްރީ އަށް ފުޓްބޯޅައިގައި އެފްއޭއެމްއާ އެކު ކުރިއަށްދާނެ ގޮތެއް ނޭގޭ ކަމަށް އޭނާ ވިދާޅުވި އެވެ.