24 އޯގަސްޓް 2016 - 17:44

ދީޕިކާ ޕަދުކޯން އަކީ މިހާރު ހަމައެކަނި އިންޑިއާގެ އެންމެ އަގު ބަތަލާއެއް ނޫނެވެ. ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި ދީޕިކާ އަކީ މިހާރު ދުނިޔޭގެ އެންމެ އަގު ބޮޑު 10 ވަނަ ބަތަލާ އެވެ.
އޭނާގެ އަހަރުގެ އާމްދަނީ 10 މިލިއަން ޑޮލަރަށް އެރިއިރު މިއީ އެންމެ އަގު ބޮޑު ބަތަލާ އިންގެ ލިސްޓުގެ އެހާ މަތީ މަގާމެއް ލިބުނު އިންޑިއާގެ ފުރަތަމަ ބަތަލާ އެވެ.
ލިސްޓުގެ އެއްވަނައިގައި އޮތީ 36 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ޖެނިފާ ލޯރެންސް އެވެ.
ދީޕިކާގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ މި ލިސްޓުގައި ހިމެނޭނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް އެ ޖާގައެއް ނުލިބުނެވެ.
ޕްރިޔަންކާ އަކީ އޭބީސީގެ "ކުއަންޓިކޯ" ސިލްސިލާގައި ލީޑް ރޯލު ކުޅޭ ތަރި އެވެ. އަދި ހޮލީވުޑް ފިލްމު "ބޭވޮޗް"ގައި ވެސް ޑްވޭން ޖޯންސަންއާ އެކު ޕްރިޔަންކާ ބައިވެރިވެ އެވެ. ނަމަވެސް ޓޮޕް 10 އިން އޭނާއަކަށް ޖާގައެއް ނުލިބުނެވެ.
މިއީ ޕްރިޔަންކާ އާއި ދީޕިކާގެ ވާދަވެރިކަމުގެ ވާހަކަތައް އިންޑިއާގެ ނޫސްތަކުގައި ވަރަށް ގިނައިން ލިޔަމުން އަންނަ ދުވަސް ވަރެކެވެ. ދީޕިކާ ވެސް ހޮލީވުޑަށް ތައާރަފްވާނީ ޕްރިޔަންކާއާ ދާދި އެކުއެކުގަ އެވެ. ދީޕިކާ ކުޅެނީ ވިން ޑީސަލްއާ އެކު "ތުރީ އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" އެވެ.
ޓޮޕް 10 އިން ޖާގަ ލިބުނު ހޮލީވުޑް ބަތަލާއިންގެ ތެރޭގައި ޖެނިފާގެ އިތުރުން ޖޫލިއާ ރޮބާޓްސް، ޗާލީޒް ތެރޮން، އަދި "ފްރެންޑްސް"ގެ ބަތަލާ ޖެނިފާ އެނިސްޓަން ހިމެނެ އެވެ.
ފޯބްސް އިން ދީޕިކާ، 30، ސިފަކޮށްފައިވަނީ ބޮކްސް އޮފީހުގައި ރަންގަނޑެއް ފަދަ ބަތަލާއެއްގެ ގޮތުގަ އެވެ.
ދީޕިކާ އަށް އޭނާގެ ހޮލީވުޑްގެ ވާދަވެރި ބަތަލާއިންނަށް ލިބޭ ވަރަށް ފުރުސަތު ނުލިބުނަސް އޭނާގެ އާމްދަނީ މައްޗަށް ދިޔައީ އިޝްތިހާރު ކުޅެގެން ލިބޭ އާމްދަނީގެ ސަބަބުންނެވެ.