އިނގިރޭސި ކްލަބެއް ގަންނަން މަސައްކަތްކުރިން: ރޮނާލްޑޯ
އިނގިރޭސި ކްލަބެއް ގަންނަން މަސައްކަތްކުރިން: ރޮނާލްޑޯ

މެޑްރިޑް (ފެބްރުއަރީ 10) - ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ރެއާލް ވަލަޑޮލިޑްގެ ހިއްސާ ގަތުމުގެ ކުރިން އިނގިރޭސި ދެ ކްލަބަކާ މަޝްވަރާކުރިކަމަށް ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ރޮނާލްޑޯ، ވަލަޑޮލިޑް ގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ފުޓްބޯޅަ ކްލަބެއް ގަންނަން މަސައްކަތްކުރާ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. ރޮނާލްޑޯ ވަނީ އޭރު ކަންތައްތައް ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން މީޑިއާގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފަ އެވެ.

"ތެދެއް އަހަރެން ވާހަކަ ދެއްކިން އިނގިރޭސި ދެ ކްލަބަކާ. ހަމައެކަނި އިނގިރޭސި ކްލަބްތަކެއް ނޫން. އިޓަލީ އާއި ސްޕެއިނުން ވެސް އެހެން ޕްރޮޕޯސަލްތަކެއް ލިބުނު. އެންމެ ރަނގަޅު ހުށަހެޅުމެއް ލިބުނީ ވަލަޑޮލިޑުން. އެހެންވެ މި ކްލަބް އިހުތިޔާރުކުރީ،" ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"ހުރިހާ ތަފްސީލުތަކެއް އަހަންނަށް ދެވެން ނެތް. އެއީ މިއީ ކްލަބްތަކުގެ ހިންގުން ހިނގާގޮތުގެ ވަރަށް ހާއްސަ މައުލޫމާތުތަކެއް."

ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ މަސައްކުރީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ދެ ކްލަބަކާ އެވެ. އެ ދެ ކްލަބް ގަންނަން ރޮނާލްޑޯ ބޭނުންނުވީ އަގުބޮޑުވުމުގެ އިތުރުން ކްލަބްގެ ހިންގުމުގެ ގިނަ ކަންތައްތަކާ އެއްބަސްނުވެވުމުންނެވެ. ހާއްސަގޮތެއްގައި އެ ކްލަބްތަކުން މެޖޯރިޓީ ހިއްސާދާރަކަށް ރޮނާލްޑޯ ހަދަން ދެބަސްވާތީ އެވެ.

ވަލަޑޮލިޑުގެ 51 ޕަސެންޓް ހިއްސާ ގަނެ، ރޮނާލްޑޯ އެ ކްލަބުގެ ކޮންޓްރޯލް ނެގީ 30 މިިލިއަން ޔޫރޯ ހަރަދުކުރުމަށް ފަހު އެވެ. ރިޕޯޓްތައް ބުނާގޮތުން ވަލަޑޮލިޑްގެ މި ވަގުތުގެ އަމާޒަކީ ލީގުގައި ދެ އަހަރެއް ހިފަހައްޓާލުމަށް ފަހު ދެން ޔޫރަޕްގެ މަގާމަކަށް ޓާގެޓްކޮށް މަސައްކަތްކުރުމެވެ. މި ވަގުތު ވަލަޑޮލިޑް އޮތީ ލީގުގެ 15 ވަނައިގަ އެވެ.

ފުޓްބޯޅަ ކެރިއަރު 2011 ވަނަ އަހަރު ނިންމާލި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ފަހަކަށް އައިސް ބޮޑަށް ފެންނަނީ އޭނާގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑާއި ފީފާގެ އެމްބެސެޑަރެއްގެ ރޯލުންނެވެ.

ރޮނާލްޑޯ ވަނީ ބްރެޒިލާ އެކު 1994 އަދި 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް ދެ ފަހަރެއް ކޮޕާ އެމެރިކާ ވެސް ދެ ފަހަރު އުފުލާލައިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ ދެ ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ މެޑްރިޑުގެ އިތުރުން ބާސެލޯނާ އާއި އިންޓަ މިލާން އަދި އޭސީ މިލާނަށް ކުޅެފަ އެވެ.