އެތުލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ދެ ވަނަ އަށް އަރައިފި
އެތުލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ދެ ވަނަ އަށް އަރައިފި

މެޑްރިޑް (ފެބްރުއަރީ 10) – ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން، އެ ޓީމު ފަހަތަށް ޖައްސާލައި ސްޕެނިޝް ލީގުގެ ދެ ވަނަ މަގާމަށް ރޭ އަރައިފި އެވެ.

މިއީ ނަތީޖާތައް ދަށްވުމުން ހުލެން ލޮޕެޓީގް ވަކިކުރުމަށް ފަހު ސެންޓިއާގޯ ސޮލާރީ ހަވާލުވި ފަހުން ޓީމު ހޯދި އެންމެ ބޮޑު ކުރިއެރުމެވެ. އެ ޓީމު ދެ ވަނަ އަށް އެރީ 45 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނަ އަށް ވެއްޓުނު އެތުލެޓިކޯގެ އަތުގައި އޮތީ 44 ޕޮއިންޓެވެ. އެއް ވަނައިގައި އޮތީ 50 ޕޮއިންޓާ އެކު ބާސެލޯނާ އެވެ. މިރޭ އެތުލެޓިކް ކްލަބް އަތުން މޮޅުވެއްޖެ ނަމަ ބާސެލޯނާ އަށް އަށް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ކަސެމިރޯ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ. މާގިނައިރުތަކެއް ނުވަނީސް އެންޓޮއިން ގްރިޒްމަން އެތުލެޓިކޯ އަށް އެއްވަރުކޮށްދިނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މެޑްރިޑަށް އަލުން ލީޑު ނަގައިދިނީ ބޮޑެތި މެޗުތަކުގައި އެ ޓީމަށް، އަބަދުވެސް ލަނޑު ޖަހައިދޭ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އޭނާ ރޭ ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ.

އެތުލެޓިކޯއާ ދާދި ފަހުން ގުޅުނު މެޑްރިޑުގެ ކުރީގެ ފޯވާޑް އަލްވާރޯ މޮރާޓާ ގޯލެއް ޖަހައި އެއްވަރުކުރި ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. ޗެލްސީގެ ލޯނެއްގެ ދަށުން މޮރާޓާ އެތުލެޓިކޯއާ ގުޅުމުގެ ކުރިން އެ ޓީމު ކުޅުނު 19 މެޗުން ބަލިވެފައެއް ނުވެ އެވެ. އެކަމަކު އޭނާ އައި ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވީ އެވެ.

ރޭގެ މެޗުގައި މެޑްރިޑުގެ ތިން ވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގަރެތު ބޭލް އެވެ. މިއީ އޭނާ އެ ކްލަބަށް ޖަހައިދިން 100 ވަނަ ގޯލެވެ. އެތުލެޓިކޯ އިން އެނބުރި އަންނަން ކުރި މަސައްކަތަށް، ހުރަސް އެޅުނީ 80 ވަނަ މިނެޓުގައި އެ ޓީމުގެ ތޯމަސް ޕާރްޓޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުންނެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި މިހާރު މެޑްރިޑަށް ކުޅޭ ތިބައޫ ކޯޓުއާ ވަރަށް ބޮޑަށް ދިމާކޮށްފަ އެވެ.