ލިވަޕޫލް އެއް ވަނަ އަށް، ޔުނައިޓެޑް ހަތަރަކަށް
ލިވަޕޫލް އެއް ވަނަ އަށް، ޔުނައިޓެޑް ހަތަރަކަށް

ލިވަޕޫލް (ފެބްރުއަރީ 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 3-0 އިން ހޯދި މޮޅާ އެކު ލިވަޕޫލް އަލުން އެއް ވަނަ އަށް އަރައިފި އެވެ.

ލިވަޕޫލް އެއް ވަނަ އަށް، ޔުނައިޓެޑް ހަތަރަކަށް
ލިވަޕޫލް އެއް ވަނަ އަށް، ޔުނައިޓެޑް ހަތަރަކަށް

ލިވަޕޫލް އެއް ވަނަ އަށް އެރީ 26 މެޗުން 65 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 25 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ޔުނައިޓެޑް ހަތަރަކަށް އެރީ 26 މެޗުން 51 ޕޮއިންޓް ހަމަކޮށްގެންނެވެ. ފަސް ވަނައިގައި ޗެލްސީ އޮތީ 25 މެޗުން 50 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް އާސެނަލުން ވަނީ ރޭ ހަޑްސްފީލްޑް ޓައުން އަތުން 2-1 އިން ހޯދި މޮޅާ އެކު 26 މެޗުން 50 ޕޮއިންޓް ހަމަކޮށްފަ އެވެ.

ލީގުގައި މިރޭ ސިޓީ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގު ތާވަލަށް ބަދަލުތަކެއް އަންނާނެ މެޗެކެވެ. ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. ޗެލްސީ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް އަލުން ހަތަރު ވަނަ އަށް އެރޭނެ އެވެ.

ރެލިގޭޝަނުގައި އޮތް ފުލަމް ދަނޑުގައި އިއްޔެ ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް އެ ޓީމަށް ލިބުނެވެ. އާޖެންޓީނާގެ ފޯވާޑް ލޫޗިއާނޯ ވިއޭޓޯ ހުސްކޮށްހުރެ ޖެހި ބޯޅަ އޭނާ ފައިގައި ރަނގަޅަށް ލައްވާލާ ގޮތެއްނުވިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

ޔުނައިޓެޑަށް ލީޑުނަގައިދިނީ މެޗުގެ 14 ވަނަ މިނިޓްގައި ޕައުލް ޕޮގްބާ އެވެ. އެންތަނީ މާޝިއަލް ދިން ތަނަވަސްކޮށްދިން ފުރުސަތަކުން ޕޮގްބާ މި ލަނޑު ޖެހީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގެ 23 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ މާޝިއަލް އެވެ. ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ޕޮގްބާ ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހިއިރު، މިއީ މި ފަހަރު ލީގުގައި އޭނާ ޖެހި 11 ވަނަ ގޯލެވެ. މިއީ އޭނާގެ ކެރިއަރުގައި ލީގުގައި މި އަދަދަށް ލަނޑު ޖެހި ފުރަތަމަ ސީޒަނެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެންމެ ހިތްހަމަޖެހެނީ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓު މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުންދާތީ ކަމަށެވެ. އަދި ޕޮގްބާގެ ފަރާތުން ގެންނަ ލީޑަޝިޕަށް ތައުރީފު ހައްގުވާ ކަމަށާއި މި ޓީމަށް މި އަށް ވުރެ ރަނގަޅަށް އަދި ކުޅެވޭނެ ކަމަށް ބުންޏެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ލިވަޕޫލް އަތުން ޕޮއިންޓް ގެއްލިފައިވުމުން ރޭ އެ ޓީމު ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅުމަށެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖެހީ ސަޑިއޯ މާނޭ، ޖިއޮޖީނިއޯ ވައިނަލްޑަމް އަދި މުހައްމަދު ސަލާހު އެވެ. އިތުރު ލަނޑުތަކެއް ޖަހަން ލިވަޕޫލްގެ ނަބީ ކެއިޓާ އާއި މާނޭ އަދި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިދިޔަ ދެ މެޗުގައި ގޯސްކޮށްދިޔައީ ހަމައެކަނި ނަތީޖާ ނޫން ކަމަށާއި ޓީމުގެ ކުޅުމުގެ ފެންވަރު ވެސް އެންމެ ރަނގަޅެއް ނޫން ކަމަށެވެ. އެ ހުރިހާ ކަމެއް ހަނދާނުން ފޮހެލަން މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާއެއް ނެރެވުމަކީ ކުރިއަށް ހުރި މެޗުތަކަށް ލިބިގެންދާނެ ލުޔެއް ކަމަށް ބުންޏެވެ.

ހަޑްސްފީލްޑް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލުގެ ލަނޑުތައް ޖެހީ އަލެކްސް އިވޯބީ އާއި އަލެކްސަންޑަ ލަކަޒޭޓް އެވެ. ހަޑްސްފީލްޑުން ޖެހި ގޯލަކީ އާސެނަލްގެ ޑިފެންޑަރު ސީޑް ކޮލަސިނަޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.