ދަގަނޑޭ އާއި އުމެއިރު ގްރީން ސްޓްރީޓްސް އަށް
ދަގަނޑޭ އާއި އުމެއިރު ގްރީން ސްޓްރީޓްސް އަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަދި މުހައްމަދު އުމެއިރު އަންނަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެން ނިންމައިފި އެވެ.

މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ދަގަނޑޭ އާއި ނިއު އަށް ކުޅުނު އުމެއިރު ގްރީން ސްޓްރީޓްސް އަށް ސޮއިކުރުން އޮންނާނީ މާދަމާރޭ ޓާމިނަލް ކެފޭގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ. އެ ކްލަބުން ވަނީ އެ ރަސްމިއްޔާތުގެ ދައުވަތު މީޑިއާތަކަށް މިރޭ ފޮނުވައިފަ އެވެ.

ގްރީން ސްޓްރީޓްސް ވެގެންދާނީ ދަގަނޑޭގެ ކެރިއަރުގައި ކުޅޭ ރާއްޖޭގެ ހަ ވަނަ ކްލަބަށެވެ. ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި އޭނާ ވަނީ ޓީސީގެ އިތުރުން ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ އަށް ވެސް ކުޅެފަ އެވެ.

ދަގަނޑޭ ޓީސީ އަށް ބަދަލުވީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. ނިއު އަށް މުސާރަ ނުދޭތީ ކޮންޓްރެކްޓް ބާތިލްކުރުމަށް ފަހު ޓީސީއާ ގުޅި އެ ކްލަބަށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނެވެ. އޭގެ ކުރިން ނިއުގެ ޖާޒީގައި އުމެއިރާ އެކު ކުޅެ 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ގައުމީ މުބާރާތް އަދި މިދިޔަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރި އެވެ.

ގްރީން ސްޓްރީޓްސްގައި އޭނާގެ ކޯޗަކަށް ވާނީ، 2016 ވަނަ އަހަރު އޭނާ މާޒިޔާއާ އެކު ލީގު ކާމިޔާބުކުރިއިރު އެ ޓީމުގެ ކޯޗުކަން ކުރި އަލީ ސުޒޭނެވެ. މިއީ ސުޒޭނުގެ އިރުޝާދުގެ ދަށުން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ދަގަނޑޭ އޭނާއާ އެކު ކްލަބެއްގައި މަސައްކަތްކުރާނެ ދެ ވަނަ ފަހަރެވެ.

އަނެއްކޮޅުން އުމެއިރަކީ ސުޒޭނުގެ ކޯޗުކަމުގައި 2006 ވަނަ އަހަރު ވިކްޓްރީން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ ޑިފެންސަށް ކުޅުނު ނަމަވެސް އުމެއިރު އެޓޭކިން މަގާމަކަށް ބަދަލުވެ 2012 ވަނަ އަހަރުގެ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައި ރަންބޫޓު ކާމިޔާބުކުރީ ވެސް ސުޒޭނުގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން މާޒިޔާގައި ވެސް ސުޒޭނާ އެކު މަސައްކަތްކޮށް ކާމިޔާބީ ހޯދި އެވެ.

އުމެއިރު ނޫ ޖާޒީ ބޭލިއިރު މިދިޔަ ދެ އަހަރު އެ ޓީމަށް ކުޅުނު މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. ދަގަނޑޭ ސީޒަނުގެ މެދުތެރެއިން ދިޔައިރު އަކްރަމް އަބްދުލްގަނީ ވަނީ ޓީސީ އަށް ބަދަލުވެފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ގެ ކޮންޓްރެކްޓް ބާތިލްކޮށްފައިވާއިރު އިމްރާން މުހައްމަދާއި މުހައްމަދު ރަޝީދު (ހޮކޭ) ގެ ކޮންޓްރެކްޓް ވެސް އޮތީ ބާތިލްކުރުމުގެ މަގުމަތީގަ އެވެ. މިވަގުތު ހުރި ސީނިއާ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

ސީޒަން ފަށަން ހަމަޖެހިފައިވަނީ ޖޫންގައި ކަމަށްވީ ނަމަވެސް ޓްރާންސްފާގެ ހަރަކާތްތައް ފޯރީގައި އަންނަނީ ހިނގަމުންނެވެ. ވަރަށް ގިނަ ކުޅުންތެރިން ކްލަބްތަކާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ.

ދަގަނޑޭ އާއި އުމެއިރުގެ ސޮއި ހޯދި ގްރީން ސްޓްރީޓްސްއަކީ މީގެ ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ކްލަބެކެވެ. މި ދެ ދެ ސީޒަނުގައި ވެސް މާލޭ ލީގުގެ ގަދަ ޓީމުތަކުގެ ތެރޭ ހިމެނި ޕްރިމިއާ ލީގަށް އެ ޓީމު ކޮލިފައިވެފަ އެވެ. އަންނަ ސީޒަނަށް އެ ޓީމުން ވަނީ ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ވެސް ވަނީ ގެނެސްފަ އެވެ.