ސްރީދޭވީ ކުޅެން އޮތް ރޯލެއް ކުޅުން ފަސޭހައެއް ނޫން: މަދޫރީ ޑިކްސިޓް
ސްރީދޭވީ ކުޅެން އޮތް ރޯލެއް ކުޅުން ފަސޭހައެއް ނޫން: މަދޫރީ ޑިކްސިޓް

މީގެ އަހަރެއްހާ ދުވަސް ކުރިން ދުބާއީގައި ކުއްލި ގޮތަކަށް މަރުވި ބަތަލާ ސްރީދޭވީ ފިލްމެއްގައި ކުޅެން އެއްބަސްވެފައި އޮތް ރޯލެއް ކުޅެން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށް ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރްމަން ޑައިރެކްޓްކޮށް އަންނަ އެޕްރީލް މަހުގެ 19 ގައި ރިލީޒްކުރާ ތާރީހީ ފިލްމު "ކަލަންކް" ގައި ސްރީދޭވީ ކުޅެން އޮތް ރޯލު، އޭނާ މަރުވުމުން ދިނީ މަދޫރީއަށެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި 51 އަހަރުގެ ބަތަލާ ބުނީ "ކަލަންކް" އޭނާ ހުށަހެޅުމަކީ ވެސް ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށެވެ.

"ސްރީދޭވީގެ ކުއްލި ވަކިވުމަކީ ވަރަށް ބޮޑު ހިތާމައެއް. އަހަންނަށް ފަހުން އެންމެ ބޮޑު ޝޮކަކަށްވީ އޭނަ އެއްބަސްވެފައި އޮތް ރޯލެއް އަހަންނަށް ހުށަހެޅީމަ،" 90ގެ އަހަރުތަކުގައި ސްރީދޭވީއާ އެންމެ ވާދަވެރި މަދޫރީ ބުންޏެވެ. "ފިލްމު ހިފައިގެން އަހަރެން ގާތަށް އައިމަ ފުރަތަމަ ވެސް ހަމަ އަހައިލެވުނީ ކަލޭމެން އަހަރެން ލައްވައި ތި ފިލްމު ކުޅުވަން ހަމަ ބޭނުންވޭހޭ؟"

މަދޫރީ ބުނީ "ކަލަންކް" އިން އޭނާއާ ހަވާލުކުރި ރޯލަށް އެ ފިލްމުގެ ޓީމުން ބޭނުންވި ވަރަށް އިންސާފުކޮށް ދެވިފައިވާ ނަމަ އެކަމާ އޭނާ އުފާވާ ކަމަށެވެ. އަދި ސްރީދޭވީގެ ހަނދާންތައް އައުކޮށް ދޭނެ ރޯލެއް ކުޅެލަން ސްކްރީނުގައި ލިބުމަކީ ކުޑަ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"ކަލަންކް" އަކީ 2014 ގައި "2 ސްޓޭޓްސް" ގެނެސް ދިން ޑައިރެކްޓަރު އަބީޝެކްގެ ދެވަނަ ފިލްމެވެ.

ސްރީދޭވީ މަރުވުމުން މި ފިލްމު، މަދޫރީ ގަބޫލު ކުރުމުން ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް ވަނީ އިންސްޓަގްރާމްގައި މަދޫރީ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

މިހާރު ޝޫޓިން ނިންމި ޕްރޮމޯޝަން ފަށަން ތައްޔާރުވަމުން އަންނަ "ކަލަންކް" އަކީ ބޮޑު ކާސްޓެއް ވެސް ފެނިގެން ދާނެ ފިލްމެކެވެ. އޭގެ ތެރޭގައި ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ، އަދިތިޔާ ރޯއި ކަޕޫރް، ކްރިތީ ސެނަން، ކުނާލް ކޭމޫ، ކިއާރާ އަދްވާނީ، މުކޭޝް ރިޝީ، މީރާ ޗޯޕްޅާ އަދި ހިތެން ތޭޖްވާނީ ހިމެނެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މަރުވި ސްރީދޭވީ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޑިސެމްބަރު މަހު ރިލީޒް ކުރި ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ގެ ހާއްސަ ފެނިލުމަކުންނެވެ.