ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް
ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް

ހަވީރު ފިނިޖެހުނު ވަގުތު އެ އަށް ބައިވެރިން ބ. ކެންދޫ، އުތުރު ކޮޅުން މި ރަށަށް އެރީ އުފަލުން ފޮޅިގެން ތިބެ އެވެ. ވޭތުވެދިޔަ ހަތްފާގެ ތެރޭގައި 43.7 ކިލޯމީޓަރަށް ވުރެ ދިގުކޮށް ފަތާފައިވީ ނަމަވެސް މޫނު މަތިން ވަރުބަލިކަމެއް ނުފެނެ އެވެ. އެއަށް ވުރެ އެ މީހުން ތިބީ މާ އުފަލުންނެވެ. "ސްވިމް މޯލްޑިވްސް" ގެ އެ އަށް ބައިވެރިން މި ރަށަށް އެ އެރީ އެތައް ރެކޯޑެއް ހެދުމަށް ފަހު އެވެ.

ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް
ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް

ކަނޑު ހުރަސްކޮށް މިގޮތަށް ފެތި އެންމެ ދިގު ފެތުމާއި ކަނޑު ފަތާފައި 23 ރަށަށް އެރުމުގެ ރެކޯޑާ އެކު އެވެ. އިއްޔެ މި ޓީމުން ވަނީ އަށް ކިލޯ މީޓަރަށް، ބ. ކަމަދޫން ކުޑަރިކިއްޔަށް ފަތައިފަ އެވެ. މިއީ ކަނޑު ހުރަސްކޮށް ރާއްޖޭގައި މިހާތަނަށް ފެތި އެންމެ ދިގު ފެތުމެވެ.

ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް
ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް

ތިމާވެއްޓަށް ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދު ބާއްވައިގެން އަށް ފެތުންތެރިން ކެންދުއަށް އެރި ވަގުތު އެ މީހުންނާ އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވެސް ފަތާފައި ވަޑައިގަތެވެ.

ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް
ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް

ފެތުން ނިންމި ހިސާބުގައި އެޓީމާ އެކު އުމުރުން ހަތް އަހަރުގެ ފެތުންތެރިޔާ އައިޝަތު ނޯޔާ ވެސް ވަނީ ފަތައިފަ އެވެ.

ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް
ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް

މި އިވެންޓް އިންތިޒާމު ކުރި ޝަމީމްގެ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް ތަފާތު ގޮތްގޮތަށް ޕްރޮމޯޓް ކުރުމެވެ. މި ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލުމަކީ ކޮންމެ ކަމަކަށް އެތައް ހާސް ރުފިޔާއެއްގެ ބަޖެޓު ސަރުކާރުން ނުދިނަސް ކަންކަން ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް ޝަމީމް ވިދާޅުވެ އެވެ.

ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް
ކަނޑު ފަތާފައި، އަށް ފެތުންތެރިން ތާރީހުގެ ތެރެއަށް

"އަމާޒަކީ ރާއްޖެ އަކީ ރެސްޓް ކުރަން އެކަނި އަންނަންވީ ތަނެއް ނޫންކަން ބުނެދިނުން. މިއީ ވޯލްޑް ކްލާސް މޫދެއްކަން އެނގުން. މިއީ އޯފް ސީޒަންގައި ރާއްޖޭގެ ރިސޯޓްތަކަށް ގެސްޓުން ގެނައުމަށް ހަމަ އެންމެ ރަނގަޅު އެއް ކަންތައް،" ޝަމީމް ވިދާޅުވި އެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގައި ފަތާފައިވާ މައިކް ބުނިގޮތުގައި މިއީ އެކި ފެންވަރުގެ ފެތުންތެރިންތަކަކާ އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން އޭނާއަށް ދަސްވި އިވެންޓެކެވެ.

މީގެ ކުރިން 24 ގަޑިއިރު ދުވެގެން ރެކޯޑް ހަދާފައިވާ އާތިފް ބުނިގޮތުގައި މިއީ އޭނާ އަށް އެތައް ކަމެއް ދަސްވި ފެތުމެކެވެ.

"މިހާރު ޔަގީންކަން ލިބިއްޖެ ލޮލަށް ފެންނަ ހިސާބުގައި އޮތް ތަނަކަށް ވިއްޔާ ފަތާފައި ދެވޭނެކަމުގެ،" އޭނާ ބުންޏެވެ.

އެންމެ ކުޑައިރުއްސުރެ ފެތުމުގެ ތެރޭގައި އުޅޭ އަޒްކާއަކީ މި ފެތުމުގައި ބައިވެރިވި ހަމައެކަނި އަންހެން އަދި އެންމެ ހަގު ފެތުންތެރިޔާ އެވެ. އޭނާ ބުނިގޮތުގައި މި ތަޖުރިބާއާ އެކު ދިރިއުޅުމުގެ އިތުރު ކަންތައްތަކަށް ކުރިމަތިލާން ހިތްވަރު ލިބިއްޖެ އެވެ. އޭނާގެ މިހާރުގެ އަމާޒަކީ ރާއްޖޭގެ ހުރިޙާ އަތޮޅެއްގައި ވެސް މިގޮތަށް ފެތުމެވެ.

ރާއްޖޭގެ ފާހަގަކޮށްލެވޭ ދިގު ފެތުންތެރިންގެ ތެރޭގައި ހިމެނޭ އަންވަރު، 56، އަކީ މި އިވެންޓުގައި ބައިވެރިވި އެންމެ ދުވަސްވީ އަދި އެންމެ ފިޓް ފެތުންތެރިޔާ އެވެ. މި ފެތުން ކާމިޔާބުކަމާ އެކު ނިންމާލެވުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

ފަތަން ދަސްކޮށްދިނުމުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ފަރުހާން މި ހަރަކާތަށް ވެސް އައީ ފަތާ މީހުންގެ ސަލާމަތީ ކަންކަން ބެލުމަށެވެ. ނަމަވެސް އުފެދުނު ޝައުގުވެރިކަމާ އެކު އޭނާ ވެސް ފަތަން ބޭނުންވީ އެވެ.

ރާއްޖޭގައި މި ވަގުތު ތިބި އެންމެ ބާރު ފެތުންތެރިންގެ ތެރޭގައި ހިމެނޭ، އަދި ގައުމީ ޓީމުގެ ފެތުންތެރިޔާ މުބާހު ބުނިގޮތުގައި ކަނޑު ހުރަސްކޮށް ފަތާފައި ރަށްރަށަށް އެރުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

މުޖުތަބާއަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސީނިއާ އޮފިސަރެކެވެ. މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ އަދި ކުޅިވަރުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މުޖުތަބާއަކީ މި ޓީމުގައި އެންމެ ހިތްވަރު ދެއްކި އެއް ފެތުންތެރިޔާ އެވެ.

މި ހަރަކާތް ފެށީ މިދިޔަ ހޮނިހިރު ދުވަހު ބ. އޭދަފުށިންނެވެ. ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި މި ފެތުންތެރިން ވަނީ މީހުން ދިރިއުޅޭ އަށް ރަށަކަށް، ކަނޑު ހުރަސްކޮށް ފަތާފައި ގޮސް ޒިޔާރަތްކޮށްފަ އެވެ. ދެން އެރީ ރިސޯޓްތަކާއި ފަޅުރަށްރަށަށެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކީއިރު ރިސޯޓުތަކުގެ މެނޭޖުމަންޓުން ފެތުންތެރިންނާއި ބައްދަލުކޮށް ހިތްވަރުދީ ހެދި އެވެ.

މި ޓީމުން ފަތާފައި އެރި، މީހުން ދިރިއުޅޭ އަށް ރަށުގެ ތެރެއިން ހަ ރަށެއްގައި ވަނީ އުރީދުއާ ގުޅިގެން ފަތާށާއި ހާދިސާއެއް ދިމާވެއްޖެ ނަމަ ކަންކުރާނެ ގޮތް ބުނެދީ އާއްމުން ހޭލުންތެރިކޮށްފަ އެވެ. ކޮންމެ ރަށެއްގެ ވެސް ގޮނޑުދޮށުގައި ހިންގި އެ ޕްރޮގްރާމުގައި 82 ފިރިހެން ކުދިންނާއި 74 އަންހެން ކުދިންގެ އިތުރުން 82 އަންހެނަކު ބައިވެރިވި އެވެ.

އެ ޕްރޮގްރާމް ހިންގި ދެ ކޯޗުންނަކީ މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަންގެ ހަދީޖާ އީސާ އާއި ނިއު ލެގޫންސް ސްވިމިން ކްލަބްގެ ކޯޗް އިސްމާއިލް ފަރުހާނެވެ.

ލޮޖިސްޓިކް ކަންތައްތަކާއި އިވެންޓް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނީ ސްވިމް މޯލްޑިވްސްގެ ހަސަން ނިޔާޒާއި ސަމްރާ ސަލީމެވެ. ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ފަރާތުން ފާރިހު އަހުމަދު ރަޝީދު (ބޯޖަން) ވެސް މި ހަރަތާކުގައި ބައިވެރިވި އެވެ.

ފެތުންތެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓީ ސިފައިންނެވެ. ފަތާ މީހުންނާ އެއްވަރަށް ކެނޯއީގައި ސިފައިން އުޅޭއިރު ކަނޑުގެ ޓްރެފިކް ބަލަހައްޓަން ކޯސްޓް ގާޑް ވެސް ހަރަކާތްތެރިވި އެވެ.

އަންނަ އަހަރު ވެސް މި އިވެންޓް ބާއްވަން ވަނީ ނިންމައިފަ އެވެ.

ޝަމީމް ވިދާޅުވީ ދެން އޮންނަ އިވެންޓް އޮންނާނީ ހަ ދިވެހިންނާއި ބައިނަލްއަގުވާމީ ހަ ފެތުންތެރިން ހިމެނޭ ގޮތަށް ކަމަށެވެ. މި ހަރަކާތުން ފެތުމާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ދަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަތާއިރު އޮއިވަރާ ދެކޮޅަށް ނޫޅެ އޮޔާ އެއްކޮޅަށް އުޅެގެންކަން ވާނީ ދަސްވެއްޖެ. ފަތިހާ ފެށިއްޖެއްޔާ ފަތާލަން ވަރަށް ފަސޭހަކަން އެނގުނު. އަދި މިފަދަ އިތުރު ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ،" ޝަމީމް ވިދާޅުވި އެވެ.

މިފަހަރު ދަސްވި ކަންތައްތަކާ އެކު އަންނަ އަހަރު ބާއްވާ އިވެންޓުގެ ފޯރި މާ ގަދަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެތުމުގެ ހަރަކާތް ނިންމާލުމުގެ ގޮތުން ކެންދޫގައި ވަނީ ކުލަ ޖެހުން ބާއްވައިފަ އެވެ. އެ ހަރަކާތުގައި އިސްކޮށް އުޅުއްވީ މިނިސްޓަރު އަލީ ވަހީދެވެ.