އަންހެނުންނަށް ހާއްސަ ދުވުމުގެ ރޭހެއް މާޗު 22 ގައި
އަންހެނުންނަށް ހާއްސަ ދުވުމުގެ ރޭހެއް މާޗު 22 ގައި

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ވާދަވެރި ދުވުމެއް އަންނަ މާޗު 22 ވަނަ ދުވަހު ބާއްވަން އަމިއްލަ ކުންފުންޏެއް ކަމަށްވާ އެން-ރޭންޖުން ތައްޔާރުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އިފްތިތާހުކޮށްދެއްވި "މޯލްޑިވްސް ވިމެންސް ރަން" އަކީ، މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަން ރާވާފައިވާ، ސަތޭކަ ޕަސެންޓް އަންހެނުންނަށް ބައިވެރިވެވޭނެ ދުވުމެއް ކަމަށް އެން-ރޭންޖުން ބުނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2500 އަންހެނުން ބައިވެރިކުރުވުން،" އޮފިޝަލަކު ބުންޏެވެ. "މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ދުވުން އޮންނާނެ."

ފަސް ކިލޯމީޓަރަށް ދުވަން ޖެހޭ މި ރޭހުގައި، 6-13 އަހަރާ ދެމެދުގެ ކެޓަގަރީންނާއި 13 އަހަރުން މަތީގެ ކެޓަގަރީން އެންމެ ބާރަށް ދުވާ ފަސް ދުވުންތެރިން ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. އަދި އެ 10 ދުވުންތެރިން ދުބާއީ ވިމެންސް މެރެތަންގައި ރަޖިސްޓްރީ ވެސް ކޮށްދޭނެ އެވެ. ރޭސް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ވެސް މެޑެއްޔެއް ވެސް ލިބޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓައިޓަލް ސްޕޮންސާކޮށްފައިވާ ރޭހުގައި ބައިވެރިވެވޭނީ 100ރ. ގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކައިގެންނެވެ. ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ވިމެންސް ރަންގެ ވެބްސައިޓުގައި ހުޅުވާލާފައިވާއިރު ފައިސާ ދެއްކުމާއި ޓީޝާޓް ނެގުން އޮންނާނީ ރޭހުގެ ދެ ދުވަސް ކުރިން ބާއްވާ އެކްސްޕޯގަ އެވެ.