09 ފެބުރުއަރީ 2019 - 11:53

އައްޑޫ ސިޓީގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ހަ އަހަރުގެ ކުއްޖަކު އެމަޖެންސީގައި މިއަދު މާލެ ގެނެސްފި އެވެ.
ހެލިކޮޕްޓަރުގައި އެ ކުއްޖާ އެމަޖެންސީކޮށް މާލެ ގެނެސްފައި ވަނީ ބޮލަށް އަނިޔާވެފައިވާތީ މާލެއިން ފަރުވާ ކުރުމަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އެމްއެންޑީއެފުން ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ އެކްސިޑެންޓުވެފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާވެފައިނުވާ ކަމަށް ވެސް އެނގިފައިވެ އެވެ.
ބޮލަށް އަނިޔާވި ކުޑަކުއްޖާގެ އިތުރުން، ހިތަދޫ ހޮސްޕިޓަލުގައި ބޭސް ކުރަމުންދިޔަ، އަވަސް ފަރުވާއަށް ބޭނުންވެފައި އޮތް ކުޑަ ކުއްޖަކު ވެސް ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްފަ އެވެ.
އެ ދެ ކުދިން ވެސް މާލެ ގެނެސް ގެންގޮސްފައި ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ.
ފ. ފީއަލީގައި ޑެންގޫ ހުން ޖެހިގެން ފަރުވާ ދެމުންދިޔަ ހަ ކުއްޖަކު އިއްޔެ އެމްއެންޑީއެފުގެ ކޯސްޓްގާޑް ސީއެމްބިއުލާންސުގައި ވަނީ މާލެ ގެނެސްފަ އެވެ.