ދަންވަރު ސައިކަލު ރޭސް ޖަހަން އުޅުނު ދެ ކުއްޖަކަށް އަނިޔާވެއްޖެ
ދަންވަރު ސައިކަލު ރޭސް ޖަހަން އުޅުނު ދެ ކުއްޖަކަށް އަނިޔާވެއްޖެ

ރޭ ދަންވަރު މާލޭގައި ސައިކަލު ރޭސް ޖަހަން އުޅުނު ދެ ކުޑަކުއްޖަކު އެކްސިޑެންޓުވެ ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގަން ދިމާވީ 16 އަހަރުގެ ދެ ފިރިހެން ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލު އެހެން ސައިކަލެއް އޯވާޓޭކް ކުރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުން ކަމަށެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓުގައި ދެ ކުޑަކުދިންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.

ދެ ކުޑަކުދިން އޯވާޓޭކް ކުރަން އުޅުނު ސައިކަލުގައި އިން ފިރިހެން މީހާ އަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެ އެވެ.

"މި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން،" ފުލުހުން ބުނެފައިވެ އެވެ.

މާލޭ މަގުމައްޗަށް ދަންވަރު ނިކުމެ ސައިކަލުގައި ރޭސް ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް ބުރާސްފަތި ދުވަހުގެ ރޭ ސައިކަލު ރޭސް ޖަހާ މީހުންގެ އަދަދު ގިނަ އެވެ.

އޭގެ އިތުރުން ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅޭ ހައިވޭތައް ހުޅުވިފަހުން އެތަނުގައި ވެސް ވަނީ ރޭސް ޖަހަން ފަށައިފަ އެވެ. ބްރިޖުގައި ވެސް ރޭސް ޖަހަން ނިކުންނަނީ ދަންވަރެވެ.

އެގޮތަށް ދަންވަރު ރޭސް ޖަހަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ ކަމާނުބެހޭ މީހުން މަރުވެފައި އެބަ ހުއްޓެވެ.