"ފޭސްޓައިމް"ގެ ބަގް ދެނެގަތް ކުއްޖާ އަށް އެޕަލް އިން ފައިސާގެ އިނާމެއް ދެނީ
"ފޭސްޓައިމް"ގެ ބަގް ދެނެގަތް ކުއްޖާ އަށް އެޕަލް އިން ފައިސާގެ އިނާމެއް ދެނީ

އެޕަލްގެ ފޭސްޓައިމް ސޮފްޓްވެއާގައި ހުރި މައްސަލައެއްގެ ސަބަބުން، ފޯނަށް ޖަވާބު ނުދެނީސް މައިކް އޮންކުރެވި، ވީޑިއޯ ވެސް ފޮނުވޭ މައްސަލަ ދެނެގަނެ އެކަން ސަމާލުކަމަށް ގެނައި އެމެރިކާގެ 14 އަހަރުގެ ކުއްޖާ އަށް އެޕަލް އިން ފައިސާގެ އިނާމެއް ދޭން ނިންމައިފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ފޭސް ޓައިމް" ބަގް ދެނެގަނެ، އެކަން އެޕަލް އަށް ރިޕޯޓް ކުރި، އެރިޒޯނާގައި ދިރިއުޅޭ ގްރާންޓް ތޮމްޕްސަން ކޮށް ދިނީ ވަރަށް އަގުހުރި މަސައްކަތެކެވެ. މިކަމުގެ އިނާމެއްގެ ގޮތުން އޭނާ އަށް ފައިސާގެ އިނާމެއް ދޭން އެޕަލް ކުންފުނިން ނިންމި ނަމަވެސް، ދެނީ ކިހާ ވަރެއް ކަމެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ގްރާންޓްގެ އާއިލާ އަށް މާލީ ބޮޑު އެހީއެއް ދިނުމުގެ އިތުރަށް އޭނާގެ ކިޔެވުމުގެ ޚަރަދު ވެސް އެޕަލް އިން އެހީ ދޭނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ގްރާންޓް އާއި އޭނާގެ މަންމަ "ފޭސްޓައިމް" ބަގްއާ ބެހޭ ގޮތުން ބުނީ އެޕަލް އިން ގްރޫޕް ފޭސްޓައިމްގެ ގްރޫޕް ޗެޓް-ފީޗާ ޑައުން ކުރުމުގެ ކުރިން އެ މައްސަލަ ރިޕޯޓް ކުރަން ހަފުތާއެއްހާ ދުވަސް ކުރިން މަސައްކަތް ކުރި ކަމަށެވެ.

އެޕަލް އިން މިހާރު ވަނީ ފޭސްޓައިމްގެ ސޮފްޓްވެއާ އަޕްޑޭޓްކޮށް، މައްސަލަ ހައްލު ވެސް ކޮށްފަ އެވެ.