ތަށްޓަށް ވާދަކުރުމާ ދެމެދު އޮތީ ދެ އަހަރުގެ ދުރުމިނެއް: ސޯލްޝެއާ
ތަށްޓަށް ވާދަކުރުމާ ދެމެދު އޮތީ ދެ އަހަރުގެ ދުރުމިނެއް: ސޯލްޝެއާ

މެންޗެސްޓާ (ފެބްރުއަރީ 9) – ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރުމާ މެންޗެސްޓާ ޔުނައިޓެޑާ އޮތީ ދެ އަހަރުގެ ދުރުމިނެއް ކަމަށާއި އެކަމަކު އެހިސާބަށް ދިއުމަށްޓަކައި ސްކޮޑް އެއްކޮށް ބަދަލުކުރަން ނުޖެހޭ ކަމަށް ވަގުތީ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ހޯސޭ މޮރީނިއޯ ވަކިކޮށް ޑިސެމްބަރު މަހު ސޯލްޝެއާއާ ޔުނައިޓެޑް ހަވާލުކުރި ފަހުން އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވި އެވެ. އެހެންވެ އޭނާ އަށް ދާއިމީ ކޯޗުކަން ދީފާނެ ކަމަށް މިހާރު ލަފާކުރެވެ އެވެ.

ޔުނައިޓެޑް މި ވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

"މި އަހަރެމެން މިއޮތީ މާ ފަހަތުގައި، ޔަގީނުން ވެސް،" ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ބުނީ އޭނާ ކޯޗުގެ މަގާމުގައި ނެތަސް، ކުރިއަށް އަހަރުތަކުގައި ޔުނައިޓެޑް އޮންނާނެ ގޮތް ތަސައްވަރުކުރެވޭ ކަމަށެވެ. ތަށި ހޯދަން ކިތައް ކުޅުންތެރިން ގެންނަން ޖެހޭނެތޯ އެހުމުން ބުނީ، ތަށި ހޯދާނެ ގޮތުގެ ތަސައްވުރު އޮތީ މިހާރު ތިބި ކުޅުންތެރިންނާ ވެސް އެކު ކަމަށެވެ.

ދެ އަހަރުގެ ވިސްނުމެއް އޮތަސް އަންނަ ސީޒަނުގައި ތަށްޓަށް ވާދަކުރެވޭ ވަރަށް ޔުނައިޓެޑް ތައްޔާރުވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ. ސޯލްޝެއާ ބުނީ އޭނާ ކުރިން ކޯޗުކޮށްދިން ނޯވޭގެ މޯލްޑޭ 2010 ވަނަ އަހަރު އޮތީ 10 ވަނައިގައި ކަމަށާއި 2011 ވަނަ އަހަރު ލީގު ހޯދި ކަމަށެވެ.

"އެހެންވީމާ ނުވާނެޔޭ ނުބުނެވޭނެ،" ސޯލްޝެއާ ބުންޏެވެ.