10 ފެބުރުއަރީ 2019 - 07:25

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި، ޑީސީ އާއި ވޯނާ ބަރްދާޒްގެ ކާމިޔާބު ސުޕަހީރޯ ފިލްމު "އަކުއާމޭން" ގެ ސްޕިން-އޯފެއް ހަދަން ނިންމައިފި އެވެ.
ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަށް ދީފައިވާ ނަމަކީ "ދަ ޓްރެންޗް" އެވެ. މިއީ ދުނިޔޭގެ ކަނޑުއަޑީގެ އެންމެ ފުން ސަރަހައްދު ކަމަށްވާ މެރިއާނާ ޓްރެންޗްގައި ހިނގާ ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.
"އަކުއާމޭން" ގައި އަކުއާމޭން (ޖޭޒަން މޮމޯއާ) އަށް ހަމަލާދޭ ކަނޑުގެ މަހުލޫގުންގެ ބައިގަނޑުން ކުރި ފަޅުވައިގެން ގެނެސްދޭ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ނޯއާ ގާޑްނާ އާއި އެއިޑެން ފިޒްގެރާލްޑްއާ އެވެ.
އަކުއާމޭންގެ ޑައިރެކްޓަރު ޖޭމްސް ވޭން އާއި ޕްރޮޑިއުސަރު ޕީޓާ ސަފްރާން ޕްރޮޑިއުސް ކުރާ "ދަ ޓްރެންޗް" އަށް އަދި ޑައިރެކްޓަރަކު ހަމަޖައްސައިފައި ނުވާ އިރު، އެ މީހުންނާ ހަވާލާދީ ވެރައިޓީން ބުނީ މި ފިލްމު ގެނެސް ދޭނީ އެކްއަމޭންގެ ކާސްޓާ ވެސް ނުލައި، ކުޑަ ބަޖެޓަކުން ހަދާ ފިލްމެއްގެ ގޮތުގައި ކަމަށެވެ.
ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އަކުއާމޭން އަކީ ބޮކްސް އޮފީހުގައި 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ޖޭޒަންއާ އެކު މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނިކޯލް ކިޑްމަން، އެމްބާ ހާޑް، ވިލެެމް ޑެފޯ އަދި ޕެޓްރިކް ވިލްސަން ފަދަ ތަރިން ހިމެނެ އެވެ.