ޚާޝުގްޖީގެ މަރުގެ ތަހުގީގަށް ސައުދީން ހުރަސް އެޅި: އދ
ޚާޝުގްޖީގެ މަރުގެ ތަހުގީގަށް ސައުދީން ހުރަސް އެޅި: އދ

އިސްތަންބޫލް (ފެބްރުއަރީ 8) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ ތަހުގީގަށް ސައުދީ އަރަބިއާ އިން ހުރަސް އަޅާ އަދި ތުރުކީން ވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ސައުދީން ދަތިތައް ކުރިމަތިކޮށްފައިވާ ކަމަށް އދ.ގެ ތަހުގީގު ޓީމުން ބުނެފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ އަގްނީސް ކަލަމާޑް އިސްކޮށް ހުންނަވާ ހިންގި ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތުރުކީގެ އިންވެސްޓިގޭޓަރުން ސައުދީ ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ދީފައި ވަނީ ނޫސްވެރިޔާ މަރާލިތާ 13 ދުވަސް ފަހުން ކަމަށެވެ. އުމުރުން 59 އަހަރުގެ ޚާޝުގްޖީ އަކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއެކެވެ.

ޖެނުއަރީ 28 އިން ފެބްރުއަރީ 3 އަށް ތުރުކީ އަށް ޒިޔާރަތް ކުރި ތަހުގީގު ޓީމުން ބުނެފައި ވަނީ ޚާޝުގްޖީ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށެވެ. އަދި ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ނުދީ ހިފެހެއްޓީ ތުރުކީން ހިންގަން ބޭނުންވި ތަހުގީގަށް ހުރަސް އަޅަން ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ޚާޝުގްޖީ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. ތުރުކީގެ ތަހުގީގު ޓީމުން ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ސައުދީން ދިނީ އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ.

ސައުދީން އަރަބިއާ އިން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާ ކުރާ ކަމަށެވެ. އަދި އޭގެ ތެރޭން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އޭގެ ތެރޭން އެކަކު ވެސް ތުރުކީއާ ހަވާލު ކުރުމަށް ސައުދީން ވަނީ ދެކޮޅު ހަދައިފަ އެވެ. ތުރުކީން ވަނީ ޚާޝުގްޖީގެ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައުދީ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެރެފަ އެވެ.