09 ފެބުރުއަރީ 2019 - 08:13

ތޮއްޖެހިފައިވާ ތަނެއްގައި އުޅެން ޖެހިފައިވާ ނަމަ އެންމެ ބޮޑު އުދާހަކަށް ވަނީ އެކަނި އިނދެގެން ސިކުނޑި އަށް ހަމަހިމޭން ވަގުތުކޮޅެއް ހޯދަން ދަތިވުމެވެ. ވަކިން ހާއްސަކޮށް، ކަމަކާ ދޭތެރޭ ފުންކޮށް ވިސްނާލައި، ފިކުރު ހިންގާލަން ބޭނުން ނަމަ އެވެ.
އެކަހަލަ މީހުންނަށް ހާއްސަ އުފެއްދުމެއް އިނގިރޭސިވިލާތުގައި ތައްޔާރުކޮށް، މިހާރު އަންނަނީ އޮންލައިންކޮށް ވިއްކަމުންނެވެ. ތިލަކޮށް ބުނާ ނަމަ، މިއީ ބޮލުގައި އަޅާ ފޮށްޓެކެވެ. އެކަމަކު މި ވިއްކާ އޮންލައިން ފިހާރަ ދަ ފޯމް އެމްޕޯރިއަމް އިން ބުނަނީ މިއީ "ތޯޓް ބޮކްސް" އެއް ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއީ ވިސްނައިލަން އަމިއްލަ ނަފުސަށް ވަގުތު ހޯދައިދޭ އާލާތެކެވެ. އަގަކީ 650 ޑޮލަރު (9،964.5ރ.) އެވެ.
ބޮލަށް ފައްތާ މި ފޮށިގަނޑު ތައްޔާރުކޮށްފައި ހުންނަނީ، ބޮލަށް މަހައިލުމުން މީހާ ވަށައިގެންވާ މާހައުލުގެ ހުރިހާ އަޑަކުން ސަލާމަތްކޮށްދޭ އަދި ސިކުނޑި އަށް ހިމޭންކަން ގެނުވައިދޭ ގޮތަށެވެ. އެހެންވީމާ މީގެ ފޮއްޓެއް ބޮލަށް ފައްތާލައިގެން ކޮންމެ ތަނެއްގައި ވެސް ޖައްސައިލަންވީ އެވެ.
ދަ ފޯމް އެމްޕޯރިއަމް އިން ބުނި ގޮތުގައި 650 ޑޮލަރަށް ވިއްކާ "ތޯޓް ބޮކްސް" ތައްޔާރުކޮށްފައި ހުންނަނީ ކާޑްބޯޑާއި ފޮތި (ލައިކްރާ) ބޭނުންކޮށްގެން، ހެލްމެޓެއް ކަހަލަ ގޮތަށެވެ. މީގެ އެތެރޭގައި އިއާ ޕްލަގް ވެސް ހުންނާނެ އެވެ. އަދި ފޮށިގަނޑުގެ ބޭރު ކަވަރު ފަސް ކުލައަކުން މީހާގެ މޫޑާ ގުޅޭ ގޮތަށް ބަދަލު ވެސް ކޮށްލެވޭނެ އެވެ.
"މިއީ ހަމަ ހަގީގަތުގައި ވެސް އަމިއްލަ ނަފުސަށް، ސިކުނޑި އަށް ވަގުތުކޮޅެއް ހޯދައި ދޭނެ އުފެއްދުމެއް،" ތޯޓް ބޮކްސްއަކީ ނަފުސާނީ ދުޅަހެޔޮ ކަމަށް ބޭނުން ކުރެވިދާނެ އެއްޗެއްކަން ފާހަގަކޮށް ދަ ފޯމް އެމްޕޯރިއަމުން ބުންޏެވެ.
ނަމަވެސް ބައެއް މީހުން ވަނީ މިއީ އެއްވެސް ތާކުންތާކު ނުޖެހޭ އުފެއްދުމެއް ކަމަށް ބުނެ ޖޯކު ޖަހައިފަ އެވެ. އަދި 650 ޑޮލަރަށް އެ ގަންނާނީ މޮޔައިން ކަމަށް ވެސް ބުނެފައިވެ އެވެ.