"ކިޒީ އޯރް މެނީ" ގެ ނަން "ދިލް ބޭޗާރާ" އަށް ބަދަލުކޮށްފި
"ކިޒީ އޯރް މެނީ" ގެ ނަން "ދިލް ބޭޗާރާ" އަށް ބަދަލުކޮށްފި

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމޭކްގެ ނަމަކަށް "ކިޒީ އޯރް މެނީ" ހަމަޖައްސައި، މިދިޔަ އަހަރުގެ ތެރޭގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފައި ވަނިކޮށް ފިލްމުގެ ނަން ބަދަލުކޮށްފި އެވެ.

ސުޝާންތު ސިންގް ރާޖްޕޫތާއި ސަންޖަނާ ސާންގީ ލީޑް ރޯލް ކުޅޭ ފިލްމަށް މިހާރު ދީފައިވާ ނަމަކީ "ދިލް ބޭޗާރާ" އެވެ. މި ފިލްމު ޕްރޮޑިއުސް ކުރާ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ކުރި ޓްވީޓެއްގައި ވެސް ފިލްމުގެ ނަން ބަދަލު ކުރިކަން ކަށަވަރުކޮށް ދިން ނަމަވެސް، އެ ބަދަލި ގެނައި ސަބަބެއް ނުބުނެ އެވެ.

"ދިލް ބޭޗާރާ" ގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށައި، ފިލްމުގެ ވަރަށް ބޮޑު ބައި ޝޫޓްކޮށްފައި ވަނިކޮށް މުކޭޝް އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްގެން ފިލްމުގެ މަސައްކަތް ހުއްޓުމަކަށް ވެސް އަ އެވެ.

އަދި ފިލްމުގެ ބަތަލު ސުޝާންތުގެ ފަރާތުން ބަތަލާ ސަންޖަނާ އަށް ވެސް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ވާހަކަތަކެއް، މީޑިއާތަކުގައި ފެތުރުމުން، ސަންޖަނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

މުކޭޝްގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ފޮކްސް އިން ހިންގި އެތެރޭގެ ތަހުގީގަކަށް ފަހު، އޭނާގެ ފަރާތުން އެކަހަލަ ކަމެއް ހިނިގިކަން ސާބިތުވެފައިވާ ނުވާތީ "ދިލް ބޭޗާރާ" ގެ ބާކީ ހުރި މަސައްކަތްތައް މިހާރު އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ.

އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދޭ މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ފޯލްޓް އިން އަވާ ސްޓާޒް" ގައި ކިޔައި ދެނީ ކެންސަރުގެ ޝިކާރަކަށްވެފައިވާ ޒުވާން ދެ ލޯބިވެރިއެއްގެ ވާހަކަ އެވެ.

"ކިޒީ އޯރް މެނީ" ގެ ނަން "ދިލް ބޭޗާރާ" އަށް ބަދަލު ކުރި އިރު، މިދިޔަ މަހުގެ 11 ގައި ރިލީޒް ކުރި އިމްރާން ހާޝިމީގެ "ޗީޓް އިންޑިއާ" ވެސް ސިނަމާތަކަށް ގެނައީ "ވާއި ޗީޓް އިންޑިއާ" ގެ ނަމުގަ އެވެ. މިދިޔަ އަހަރު ދީޕިކާ ޕަދްކޯންގެ "ޕަދުމާވަތީ" ސިނަމާތަކަށް ގެންނަން މަޖުބޫރުވީ ނަން "ޕަދުމާވަތު" އަށް ބަދަލުކޮށްގެންނެވެ.

އަދި ސަލްމާން ހާން މިދިޔަ އަހަރު ގެނެސް ދިން އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާގެ އަލަތު ފިލްމު "ލަވްރާތުރީ" ސިނަމާތަކަށް ގެނައީ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްގެންނެވެ.