މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމަކީ ހެޔޮވެރިކަމެއް ކުރުން: އިމްރާން
މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމަކީ ހެޔޮވެރިކަމެއް ކުރުން: އިމްރާން

ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ހެޔޮވެރިކަމެއް ކުރުން ކަމަށް ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމަކީ ހެޔޮވެރިކަމެއް ކުރުން: އިމްރާން
މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމަކީ ހެޔޮވެރިކަމެއް ކުރުން: އިމްރާން

މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިމްރާން ނެރުއްވި ޚިތާބުގައި ވިދާޅުވީ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، އަޅުވެތިވުމަށް މަގުފަހިވާ އެއް ކަމަކީ ވެރިކަމުގެ ފަރާތުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ފަސާދަ އާންމުކުރުން ކަމަށެވެ. އަމިއްލަ ގައުމުގައި ތިބެ އަދި އަމިއްލަ ވެރިކަމެއް އޮވެގެން ވެސް ރައްޔިތުން ބިކަވުމަކީ މިނިވަންކަން ގެއްލޭ އެއް ސަބަބު ކަމަށް އެ ޚިތާބުގައިވެ އެވެ.

"ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމު އެއް އަސާސީ ރުކުނަކީ ފަސާދައިން އެއްކިބާވެފައިވާ ދެފުށް ފެންނަ ހެޔޮވެރިކަމެއް." އިމްރާންގެ ޚިތާބުގައިވެ އެވެ.

ތަރައްގީގެ މަގުގައި ކުރިއަރައި، ބައިނަލްއަގްވާމީ މުޖްތަމައުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ކުރިއަށް ދާއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވެދާނެ ކަންކަމާ މެދު ސަމާލުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވި ބޭރުގެ ކޮންމެ އުދުވާނެއްގެ ފަހަތުގައި ވެސް ދިވެހިންގެ ބަޔަކު ތިބިކަން ފާހަގަކޮށް، ވިދާޅުވީ އެކަންކަމުން އިބްރަތް ލިބިގަންނަންޖެހޭ ކަމަށެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ދީނާއި ގައުމު ގުރުބާން ކުރަން ފަސްނުޖެހޭ ބަޔަކު ރާއްޖޭގައި އުޅެފައި ވާއިރު، އެކަންކަމަށް ރިއާޔަތްކޮށްގެން ކުރިއަށް އޮތް ތަނުގައި ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށް ވެސް ޚިތާބުގައިވެ އެވެ.

"މިދެންނެވި ކަންކަމަށް ރިއާޔަތްކޮށްގެން މި ރާއްޖޭގެ ކުރިމަގު ބައްޓަން ކުރުމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި މުދައްރިސުންނާއި މުރައްބީންނާއި މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް."

އިންސާނީ ތާރީޚަށް ބަލާއިރު ވެސް ގައުމުތައް އަޅުވެތިކަމުން ސަލާމަތް ކުރެވިފައި ހުރީ ގައުމިއްޔަތުގެ ސިފަތައް ހުރި އަދި ދީނާއި ގައުމަށްޓަކައި ފިދާވި ބައެއްގެ ސަބަބު ކަން އެ ޚިތާބުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ތާރީޚުން ވެސް އެކަން ފެންނަން އޮތީ އެގޮތަށް ކަމަށާއި ރާއްޖޭގެ ކޮންމެ މީހަކީ ވެސް ދީނާއި ގައުމު ދެކެ ލޯބިވާ މީހަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ހޮޅިންގެ އަޅުވެތިކަމުގައި ރާއްޖެ އޮއްވާ ހިޖްރައިން 1166 ވަނަ އަހަރު ދޮން ބަންޑާރައިން އިސްވެ ހުންނަވައިގެން ހަނގުރާމަކޮށް، ރާއްޖެއަށް މިނިވަންކޮށް ދެއްވި ދުވަހަށެވެ.