ލިވަޕޫލުގައި ތަށި ހޯދުމުގެ ތަޖުރިބާ މަދު: ބެނާޑޯ ސިލްވާ
ލިވަޕޫލުގައި ތަށި ހޯދުމުގެ ތަޖުރިބާ މަދު: ބެނާޑޯ ސިލްވާ

މެންޗެސްޓާ (ފެބްރުއަރީ 8) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި ކުރިއަށްދާން ބަލާއިރު ލިވަޕޫލަށް ދިމާވާނެ އެންމެ ބޮޑު މައްސަލަ އަކީ ތަށި ހޯދުމުގެ ތަޖުރިބާ މަދުވުން ކަމަށް އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީގެ ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އެވަޓަން އަތުން މޮޅުވެ، ސިޓީ ވަނީ ލިވަޕޫލް ފަހަތަށް ޖައްސާލުމަށް ފަހު ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. ސިޓީ އެއް ވަނަ އަށް އެރީ 26 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ސިޓީން އެއް މެޗު އިތުރަށް ކުޅެފައިވާއިރު، ލިވަޕޫލުން ނުކުޅެ އޮތް މެޗަކީ މި މަހު 24 ވަނަ ދުވަހު ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ލީގުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކޮށްގެން ލިވަޕޫލަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ސިޓީ ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ އެ ޓީމު އަމިއްލަ ދަނޑުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ބެނާޑޯ ސިލްވާ ބުނީ މީގެ އަށް ދުވަސް ކުރިން ހާލަތު އޮތްގޮތުން ލީގު ގެއްލިއްޖެހެން ވެސް ހީވި ކަމަށާއި އެކަމަކު މަސައްކަތްކުރީ ފަސް ބެލުމެއް ނެތި ކުރިއަށް ދިއުމަށް ކަމަށެވެ.

"ލިވަޕޫލުން ލީގު ނުހޯދާތާވެއްޖެ ގިނަ އަހަރުތަކެއްވެއްޖެ. އަނެއްކޮޅުން މިހާރު ލިވަޕޫލްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު ކާމިޔާބީ ހޯދި ނޫނީ ތަށްޓެއްގައި އަތްލި ތިބީ މަދު ކުޅުންތެރިންތަކެއް. މިއީ ލިވަޕޫލަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖް. އަދި ސިޓީ އަށް ވުރެ ބޮޑަށް އެ ޓީމަށް އޮތް ޕްރެޝަރު އިތުރުވާނެ،" ކުރިން މޮނާކޯއާ އެކު ފްރާންސް ލީގު ކާމިޔާބުކުރި ބެނާޑޯ ސިލްވާ ބުންޏެވެ.

އޭނާ ބުނީ އެއް މެޗު އިތުރަށް ކުޅެގެން ވެސް ލީގުގެ އެއް ވަނަ އަށް އެރުމަކީ މެންޓަލީ ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ.

"އެއް ވަނަ އަށް އެރުމަކީ ވާނެކަމެއްކަން މި ވަގުތަށް ވެސް ސާބިތުވެއްޖެ. މެޗެއް އިތުރަށް ކުޅުމަކީ މައްސަލައެއް ނޫން. މީގެ ޕްރެޝަރު އޮންނާނީ އަބަދުވެސް މެޗު ކުޅެން ޖެހޭ ޓީމަށް. މި ވަގުތަށް އަހަރެމެންނަށް އޮތް ހިތްހަމަޖެހުމަކީ އަލުން އެއް ވަނަ އަށް އެރުން،" މިދިޔަ ޑިސެމްބަރު 15 ވަނަ ދުވަހަށް ފަހު އެއް ވަނަ އަށް އެރުމުން އެކަން ފާހަގަކޮށް ބެނާޑޯ ސިލްވާ ބުންޏެވެ.

ސިޓީން ލީގު ދިފާއުކުރަން ކުރަމުން އަންނަ މަސައްކަތަށް އެންމެ ބޮޑު ހިތްވަރަކަށްވާނީ މި މަހު 24 ވަނަ ދުވަހު ކުޅޭ ލީގު ކަޕް ފައިނަލް ކަމަށާއި ޗެލްސީ ބަލިކޮށް އެ ތަށި އުފުލާލެވިއްޖެނަމަ އެއީ ރަނގަޅު ފޯމެއްގައި ކުރިއަށްދިއުމަށް ލިބޭނެ ހިތްވަރެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި އެންމެ ބޭނުންވާ ވަރަށް މެޗުތަކުން ފުރުސަތު ނުލިބޭ ކަމަށާއި އެކަމަކު މި ސީޒަނުގައި ގިނަ މެޗުތަކެއްގައި ރަނގަޅު ކުޅުމެއް ދެއްކޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.