08 ފެބުރުއަރީ 2019 - 11:01

ނޯންޓްސް (ފެބްރުއަރީ 8) - ނޯންޓްސް އިން ކާޑިފަށް ދަތުރުކުރަނިކޮށް ވެއްޓުނު އެއް އިންޖީނުލީ ޖެޓު ކަނޑުއަޑިން ފެނުނުއިރު، އޭގެތެރެއިން ނަގާފައިވާ ހަށިގަނޑަކީ ކާޑިފް ސިޓީގެ ފޯވާޑް އެމިލިއާނޯ ސަލާގެ ހަޑިގަނޑުކަން ފުލުހުން ޔަގީންކޮށްދީފި އެވެ.

މިހާތަނަށް ކުރި މަސައްކަތުން އަދި ހޯދިފައިވަނީ ސަލާ އެވެ. އެކަމަކު އެ ބޯޓު ދުއްވަން އިން ޕައިލެޓް ޑޭވިޑް އައިބޮޓްސަން ފެނިފައެއް ނުވެ އެވެ. ސަލާ މަރުވީކަން ޔަގީންވެފައިވާއިރު، ގިނަ ކުޅުންތެރިން އަންނަނީ އޭނާގެ ހަނދާނުގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.
މިދިޔަ މަހު 21 ވަނަ ދުވަހު ފްރާންސްގެ ނޯންޓްސް އިން ކާޑިފަށް ރޭގަނޑު ދަތުރުކުރަމުންދިޔަ ޕްރައިވެޓް ޖެޓް (ޕައިޕާ މަލިބޫ - އެއް އިންޖީނުލީ އުޅަނދު) ގެއްލުނީ ޗެނަލް އައިލެންޑުގެ ގޯންސީގެ ލައިޓް ހައުސް ސަރަހައްދުންނެވެ. ތިން ދުވަސް ވަންދެން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑުގެ ސިފައިން ސަލާ އާއި އައިބޮޓްސަން ހޯދުމުގެ މަސައްކަތް ހުއްޓާލީ އެ ދެ މީހުން ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދެއް ނެތްކަމަށް ބުނެ އެވެ.
އާޖެންޓީނާ އަށް އުފަން ސަލާ ހޯދުމުގެ މަސައްކަތް ހުއްޓާނުލަން ގިނަ ފުޓްބޯޅަ ތަރިންތަކެއް ސޯޝަލް މީޑިއާގައި ހިޔާފާޅުކުރިއިރު، ސަލާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަލުން މަސައްކަތް ފެށީ އޭނާގެ އާއިލާ އިސްވެ، ގޯފަންޑްމީ ވެބްސައިޓްގައި ހުޅުވި އޮންލައިން ފަންޑެއް މެދުވެރިކޮށް އަމިއްލަ ކުންފުންޏަކާ ގުޅިގެންނެވެ.
އަމިއްލަ ކުންފުނިން ތަޖުރިބާކާރުންގެ އެހީގައި ކުރި މަސައްކަތުން ކަނޑުއަޑިން ބޯޓު ފެނުނީ މިިދިޔަ ބުދަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު މޫސުން ތަން ނުދިން ނަމަވެސް ބުރަ މަސައްކަތްތަކެއްކޮށް އެ ބޯޓުން ހަށިގަނޑެއް ހޯދި އެވެ. ހަށިގަނޑު ނެގުމަށް ފަހު ހެދި ޓެސްޓްތަކަށް ފަހު އެއީ ސަލާގެ ހަށިގަނޑުކަން ޔަގީންކޮށްދިނީ ރޭގެ ވަގުތެއްގަ އެެވެ.
ސަލާ ދަތުރުކުރަމުންދިޔަ ބޯޓު ޖާޒީގެ އެއާޓްރެފިކް ކޮންޓްރޯލް އަށް ރިޕޯޓްކުރިއިރު އެ ޖެޓް ދިޔައީ 5000 ފޫޓު މަތިން ދަތުރުކުރަމުންނެވެ. އެކަމަކު އެ ބޯޓުގެ ސިގްނަލް ގެއްލުނީ 2300 ފޫޓު މަތީގައި ދަތުރުކުރަނިކޮށެވެ. ބޯޓުގައި ހުރެ ސަލާ ފޮނުވި ވަޓްސަޕް އޯޑިއޯ މެސެޖެއްގައި ވަނީ އެ ބޯޓުގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
ސަލާގެ އާއިލާ އިން މީގެ ކުރިން ބުނީ އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ބޯޓެއްގައި ކަމަށެވެ. އެކަމަކު އެއީ ސަލާ އާއި އޭނާގެ އޭޖެންޓް ވިލީ މެކާ ޕްރައިވެޓް ކުންފުންޏަކުން ހަމަޖެއްސި ދަތުރެކެވެ. މެކާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަތުރު ހަމަޖެއްސި ކުންފުނިން ބޯޓާއި ޕައިލެޓްގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. އެހެންވެ، އެކަމާ ބެހޭ ތަހުގީގެއް ޕޮލިހުން ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޑޮލަރަށެވެ. ޕްރިމިއާ ލީގަށް ކުޅުމަކީ ސަލާ އަބަދުވެސް ދެކެމުން އައި ހުވަފެނެވެ. މި ސީޒަނުގައި އޭނާ ހުރީ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސަލާ އެ ކްލަބަށް ވިއްކާލި އަގު ހޯދަން ނޯންޓްސް އިން ކާޑިފް ގޮވައިގެން ކޯޓަށް ދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ނޯންޓްސް އިން ވަނީ ކާޑިފަށް ސަލާގެ ޓްރާންސްފާ ފީގެ އެއް ބައި ދައްކަން 10 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެކަމަކު ކާޑިފުން އެދުނީ ސަލާ ހޯދުމުގެ މަސައްކަތް މި ވަގުތު ކުރިއަށްދާތީ އޭނާ އަށް ވީ ގޮތެއް ރަސްމީކޮށް ހުރިހާ ފަރާތްތަކުން ޔަގީންކުރަންދެން ޓްރާންސްފާ ފީ ދެއްކުން މަޑުޖައްސާލުމަށެވެ. އެކަމަކު ނޯންޓްސްގެ ވިސްނުން ހުރީ އެ ގޮތަކަށް ނޫނެވެ. އެ ކްލަބަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަންނަން ވީ އެންމެ އަވަހަކަށް ސަލާގެ ޓްރާންސްފާ ފީ އެއްކޮށް ހޯދުމަށެވެ. އެހެން ނޫން ނަމަ އެ މައްސަލަ ފީފާ ނޫނީ ސްވިޒަލެންޑުގެ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށްވެ އެވެ.
އެކަމާ ބެހޭގޮތުން ނޯންޓްސް އިން ބުނީ ރަސްމީކޮށް ސަލާގެ ދަތުރުތައް ހަމަނުޖެއްސުމަކީ ކާޑިފްގެ އިހުމާލުން ވެފައި އޮތް ކަމެއް ކަމަށާއި އެހެންވެ، މީގެ އެންމެ ޒިންމާ ބޮޑީ ކާޑިފްގެ ކަމަށެވެ.