07 ފެބުރުއަރީ 2019 - 22:00

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ފުޓްބޯޅަ ކުޅެން އުޅުނު 34 އަހަރުގެ ފިރިހެނަކު ހަބަރު ހުސްވެގެން ވެއްޓުމާ އެކު ބެލިއިރު އޭނާ މަރުވެފައި އޮތް ކަމުގެ މައުލޫމާތު ކަރެކްޝަންސުން ދީފައިވާ ކަމަށެވެ. އެ މަރު، ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަރުވި މީހާގެ ތަފްސީލެއް، އޭނާ ހުކުމް ތަންފީޒުކުރަމުން ދިޔައީ ކޮން ކުށަކާ ގުޅިގެން ކަމެއް ވެސް ކަރެކްޝަންސުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ހާދިސާ، ފުލުހުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އައްސޭރި ޖަލު ބޭނުންކުރަނީ ލުއި ޖަލެއްގެ ގޮތުގަ އެވެ.
ޖަލުތަކުގައި މީހުން މަރުވެ، އިހުމާލުގެ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަތައް ބަލަން ހޯމް މިނިސްޓްރީން ވަނީ ކޮމިޝަނެއް އެކުލަވާލައިފަ އެވެ.