08 ފެބުރުއަރީ 2019 - 07:45

މިދިޔަ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އިންޑިއާ އިން 200 ކްރޯޑްގެ އާމްދަނީއެއް ހޯދައި، އަރަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ ގަދަފަދަކަން ބޮކްސް އޮފީހުގައި ދައްކާލައިފި އެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިިތިޔާ ދާރް ލިޔެ، ޑައިރެކްޓް ކުރި "އުރީ" އަކީ މި އަހަރު ބްލޮކްބަސްޓާއެއްގެ ދަރަޖަ ވެސް ހޯދި ފުރަތަމަ ފިލްމެވެ. ފިލްމަށް އިންޑާ އިން ލިބުނު އާމްދަނީ 200 ކްރޯޑް ފަހަނައަޅައި ދިޔައީ، ރިލީޒް ކުރިތާ 28 ދުވަސް ފަހުން ބުރާސްފަތި ދުވަހު އެވެ.
ބެލުންތެރިންނާއި ކްރިޓިކުން ލޯބި ވެސް ވަރަށް ބޮޑަށް ހޯދި "އުރީ" 100 ކްރޯޑް ކުލަބުން ޖާގަ ލިބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އިންޑިއާ އާއި އިންޑިިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ބުރާސްފަތި ދުވަހާ ހަމައަށް މި ފިލްމަށް ވަނީ ޖުމްލަ 288.16 ކްރޯޑް ރުޕީސް ލިބިފަ އެވެ.
"އުރީ" ހަދަން ހޭދަކުރީ 25 ކްރޯޑް ރުޕީސް އެވެ.
މި ފިލްމަކީ 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ވިކީ، 30، ގެ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު އޭނާ މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ މެގްނާ ގުލްޒާރުގެ "ރާޒީ" އާއި ރާޖްކުމާރު ހިރާނީގެ "ސަންޖޫ" އަކީ މިދިޔަ އަހަރު 100 ކްރޯޑް ހަމަކުރި 13 ފިލްމުގެ ތެރެއިން ދެ ފިލްމެވެ.
"އުރީ" އަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އިންޑިއާ ފަޅީގައި ތިބޭ އެ ގައުމުގެ އަސްކަރިއްޔާގެ ބޭސްއަކަށް، ޕާކިސްތާންގެ ޓެރަރިސްޓުންތަކެއް ހަމަލާދީ، އިންޑިއާ ސިފައިންގެ 19 އޮފިސަރަކު މަރައިލި ހާދިސާއާ ގުޅިގެން ރައްދުގައި އިންޑިއާ އިން ހިންގި ސާޖިކަޕް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ވިކީއާ އެކު "އުރީ" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޔާމީ ގޯތަމް، ކިރިތީ ކުލްހާރީ، ޕަރޭޝް ރަވަލް އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ އެވެ.
މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބުކޮށް ހިނގަމުން އަންނަ ފިލްމަކީ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.
އެ ފިލްމަށް މިހާތަނަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން 112 ކްރޯޑް ރުޕީސް ލިބިފައިވާ އިރު، ފިލްމަށް ކުރި ހަރަދު ފޫބައްދަން އަދި އިތުރަށް އެ ފިލްމަށް 13 ކްރޯޑް ރުޕީސް ބޭނުންވެ އެވެ. "މަނިކަރްނިކާ" އަކީ 125 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.