ސަލްމާން ހާނަށް ކޮރެއާ ފިލްމެއްގެ އިތުރު ރިމޭކެއް
ސަލްމާން ހާނަށް ކޮރެއާ ފިލްމެއްގެ އިތުރު ރިމޭކެއް

ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" އަކީ ދެކުނު ކޮރެއާގެ ފިލްމެއްގެ ރިމޭކެކެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމަކީ 2014 ގައި ރިލީޒްކުރި "އޭން އޯޑް ޓް މައި ފާދާ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"ބާރަތު" ގެ ޕްރޮޑިއުސަރު އަދި ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ އަނެއްކާ ވެސް މި ވަނީ ސަލްމާން ލައްވައި ކުޅުވަން ކޮރެއާ ފިލްމެއްގެ ރައިޓްސް ހޯދައިފަ އެވެ. އަތުލްގެ ރީލް ލައިފް ޕްރޮޑަކްޝަނުން މި ފަހަރު ގަނެފައި ވަނީ ދެކުނު ކޮރެއާގެ ސީޖޭ އެންޓަޓައިންމަންޓުން 2015 ގައި ގެނެސް ދިން އެކްޝަން ކޮމެޑީ "ވެޓެރެން" ގެ ރައިޓްސް އެވެ.

ދެކުނު ކޮރެއާގެ ސިނަމާގައި ހަތަރު ވަނަ އަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑް ވެސް އޮތް "ވެޓެރެން" އަކީ ރިއޫ ސިއެން-ވެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ކުށުގެ ވެށި ހަމައަކަށް އަޅުވަން މަސައްކަތްކުރާ ކުޅަދާނަ ޑިޓެކްޓިވްއެއްގެ ވާހަކަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ވެޓެރެން" ހިންދީ އޯޑިއަންސަށް އަތުލް ގެނެސް ދޭނީ ފިލްމުގެ މައިގަނޑު ވާހަކަ ނުގެއްލޭ ގޮތަށް، އިންޑިއާގެ ރަހަ މީގައި ހިމަނައިގެންނެވެ. އެކަމަކު މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ބެލެވޭ ގޮތުން "ވެޓެރެން" ގެ ވާހަކަ ދައްކަން ފަށާނީ ފިތުރު އީދުގައި "ބާރަތު" ރިލީޒް ކުރުމަށް ފަހު އެވެ. ސަލްމާން 2010 ގައި ކުޅުނު "ބޮޑީގާޑް" އަކީ ވެސް އަތުލް ޕްރޮޑިއުސް ކުރި ފިލްމެކެވެ. އެއީ ހަމަ އެ ނަމުގައި ގެނެސް ދިން މަލަޔާޅަމް ފިލްމެއްގެ ރިމެކެކެވެ.

ސަލްމާންގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދަބަންގް 3"، "ކިކް 2" އަދި ނަން އިއުލާންކޮށްފައި ނުވާ ސޫރަޖް ބަރަޖްތިއާގެ ފިލްމެއްގެ އިތުރުން ރޯހިތު ޝެޓީގެ ފިލްމަކަށް ވެސް ސަލްމާން އެއްބަސްވެފައިވާ ކަމަށްވެ އެވެ.