07 ފެބުރުއަރީ 2019 - 17:47

އާއްމު ގޮތެއްގައި ނުފެންނަ ޖެލީފިޝްގެ ބާވަތެއް ވިލިމާލޭ މޫދުން ފެނިއްޖެ އެވެ.
ވިލިމާލެއިން ފެނުނީ ހުއިފިލަނޑާގެ ބައްޓަމަށް އެކަމަކު ބިއްލޫރި ކޮޅެއް ގޮތަށް ހުންނަ އެއްޗެކެވެ. މި ފެނުނު މީހާ ޓުވީޓާގައި ބުނެފައި ވަނީ ވިލިމާލެއިން މިހާރު ވަރަށް ގިނައިން އެ ފެންނަ ކަމަށެވެ. އެކަމަކު އެ ބާވަތަކީ މުޅި ދުނިޔެ އިން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމަށް ވެ އެވެ.
ބައެއް މީހުން ޓުވިޓާގައި ބުނެފައި ވަނީ އެއީ ޕައިރޮސޯމްސް ނަމަކަށް ކިޔާ އެއްޗެއް ކަމަށެވެ. ނަމަވެސް މެރިން ރިސާޗް ސެންޓަރުގެ ކުރީގެ ޑައިރެކްޓަރު އަހުމަދު ހާފިޒު ވިދާޅުވީ އެއީ "އަގަލްމާ އޮކޭނީ" ނަމަކަށް ކިޔާ ޖެލީ ފިޝްގެ ބާވަތެއް ކަމަށެވެ.
"އާންމުކޮށް ނުފެނޭ. އެކަމަކު މޫސުމީ ގޮތުން ބައެއް ފަހަރު ފެނޭ ހަޅަޖަހާއިރު،" ހާފިޒު ވިދާޅުވި އެވެ.
އަގަލްމާ އޮކޭނީ އަކީ އާންމުކޮށް ސަބް ޓްރޮޕިކަލް ސަރަހައްދުތަކުން ފެންނަ އެއްޗެކެވެ. މޫދުގެ 200 މީޓަރު އަޑިއަށް އަގަލްމާ ފަތަ އެވެ. އަގަލްމާ ދިރިއުޅެނީ އަލްގައި އަދި ޕްލޭކްޓަންސް ފަދަ ކުދިކުދި ތަކެތި ކައިގެނެވެ.