07 ފެބުރުއަރީ 2019 - 15:39

ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ގާނޫނީ ވަކީލުކަމަށް، އެ ވަކީލަކު އަމިއްލަ އަށް ހުށަހެޅޭ ގޮތަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ބަންދުގައި ހުންނަ 18 އަހަރުން މަތީގެ ކޮންމެ މީހެއްގެ ގާނޫނީ ވަކީލަކަށް އައްޔަންވާން އެދޭ ފޯމު ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހުށަހެޅުމުން އެކަން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އެ މީހާގެ ގާނޫނީ ވަކީލަކަށް އައްޔަންކޮށްދޭނީ ބަންދުގައި ހުންނަ މީހާ ގަބޫލުކުރާ ވަކީލެއް ނަމަ އެވެ.
މީގެ ކުރިން ވަކީލުން އަމިއްލަަށް ބޭނުންވެގެން، ބަންދުގައި ހުންނަ މީހާގެ ވަކީލަކަށް ވުމަށް ހުށައެއް ނޭޅެ އެވެ. އޭރު އޮންނަ ގޮތުން ބަންދުގައި ހުންނަ މީހާގެ ވަކީލަކަށް ހަމަޖެއްސޭނީ އެ މީހާ އާއި އާއިލާ ނުވަތަ ކުންފުންޏަކުން ހަމަޖައްސާ ވަކީލަކަށް އެކަންޏެވެ.
ގާނޫނީ ވަކީލަކަށް އައްޔަންވާން ހުށަހަޅާ ވަކީލަކީ، ބަންދުގައި ހުރި މީހާގެ އާއިލާގެ ފަރާތުން ނުވަތަ ކުންފުންޏެއްގެ ފަރާތުން އިހުތިޔާރުކޮށްފައިވާ ވަކީލެއް ނަމަ އެ ވަކީލަކު ފޮނުވި ފަރާތުގެ ސިޓީއެއް ފޯމާ އެކު ހުށަހަޅަންޖެހެ އެވެ. އަދި އާއިލާގެ ފަރާތުން ފޮނުވާ ވަކީލެއް ނަމަ އެ އާއިލާގެ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހެ އެވެ.
އަމިއްލަގޮތުން ވަކީލަކަށް އެދި އައްޔަންވާން ހުށަހަޅާއިރު އެއްވެސް ފަރާތެއްގެ ސިޓީއެއް ހުށަހަޅާކަށް ނުޖެހޭނެ އެވެ.