ކުރީގެ ކޮމިޝަނަރު އާދަމް ޒާހިރުގެ ފަންނީ އެހީތެރިކަން ހޯދުމަށް ފުލުހުން އެދެފި
ކުރީގެ ކޮމިޝަނަރު އާދަމް ޒާހިރުގެ ފަންނީ އެހީތެރިކަން ހޯދުމަށް ފުލުހުން އެދެފި

ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގައި ކުރީގެ ކޮމިޝަނަރު އާދަމް ޒާހިރުގެ ފަންނީ އެހީތެރިކަން ހޯއްދުމާ ގުޅޭގޮތުން އޭނާއެކު މަޝްވަރާ ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި އާދަމް ޒާހިރު މަޝްވަރާކުރުން އޮތީ މިއަދު ފުލުހުންގެ މައި އިދާރާގައި ކަމަށެވެ.

އާދަމް ޒާހިރު ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ރައީސް މައުމޫންގެ ދައުރު ނިމެންދެން 2008 ނޮވެމްބަރު މަހާ ހަމަޔަށެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނަރު އަރީފް ދެއްކެވި ވާހަކަފުޅުގައި ފުލުހުންނާއި ސިފައިންގެ ހިދުމަތް ވަކިވެ، މުޅި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރައްވައި މުހިންމު ބަދަލުތަކެއް އާދަމް ޒާހިރު ގެންނެވި ކަމަށް އަރީފްއާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

"އޭރު އާދަމް ޒާހިރުގެ މޭސްތިރިކަމުން ގެނެސްދެއްވި ބަދަލަކީ ވަރަށް މުހިއްމު އަދި އެހާމެ ހަރުދަނާ ބަދަލުތަކެއް ކަމަށާއި މިއަދުވެސް ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގައި އެފަދަ ރޭވުންތެރިކަމާއި ޙިކުމަތްތެރިކަން ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ކަމުގައި ވެސް ކޮމިޝަނަ އޮފް ޕޮލިސް ވިދާޅުވި އެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް އަދި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާ މިންވަރެއްގައި މަސައްކަތް ކޮށްދެއްވާނެ އާދަމް ޒާހިރު ވިދާޅުވި ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އަދި އެފަދަ އެދުމަކަށް އަބަދުވެސް މަރުޙަބާ ވިދާޅުވާނެ ކަމަށާއި ވަގުތު ވެވަޑައިގެންނެވި ވަރަކުން އެދިވަޑައިގަތް ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އާދަމް ޒާހިރު ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.