07 ފެބުރުއަރީ 2019 - 12:23

ވޮޝިންޓަން (ފެބްރުއަރީ 7) - އިޒްރޭލުގެ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް ގަންނަން އެމެރިކާގެ އަސްކަރިއްޔާ އިން ނިންމައިފި އެވެ.
އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމް ގެންދަނީ 2011 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުންނެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފައި ވަނީ އިޒްރޭލުގެ ސިސްޓަމް ބޭނުން ކުރާނީ ޓެސްޓް ބޭސިސްއެއްގައި ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެ ގައުމުގެ މިސައިލް ޑިފެންސް ސިސްޓަމެއް އެމެރިކާ އިން ގަތުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މިއީ ދުނިޔޭގައި އިޒްރޭލް ކުރިއަރަމުންދާ ކަމުގެ ހެއްކެއް،" ނަތަންޔާހޫ ވިދާޅުވިއެވެ.
އިޒްރޭލުގެ އޮފިޝަލުން ބުނެފައި ވަނީ އަޔަން ޑޯމް ސިސްޓަމްގެ ކާމިޔާބުކަން 90 ޕަސެންޓަށް ވުރެ މަތި ކަމަށެވެ.