07 ފެބުރުއަރީ 2019 - 16:02

ރާއްޖޭގެ ހާލަތު ދެނެގަތުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުުކާރުން ދައުވަތު ދީފި އެވެ.
އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު މިޝެލް ބެޗެލެޓަށް ފޮނުއްވި ސިޓީއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެފަ އެވެ. އަދި އިންސާނީ ހައްގުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ އެހެނިހެން ފަރާތްތަކަށް ދައުވަތު ދީފައިވާ ކަމަށް، ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުންޏެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން، ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަދި ވޯކިން ގްރޫޕު އޮން އެންފޯސްޑް އެންޑް އިންވޮލަންޓްރީ ޑިސަޕިއަރެންސްއާ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަން އެ ފަރާތްތަކަށް އަންގާފައިވާ ކަން ފޮރިން މިނިސްޓްރީން ފާހަގަކުރި އެވެ.
މީގެ ކުރީ ސަރުކާރުން އޭރުގެ އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށް ލުމުން، އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އިދިކޮޅު ލީޑަރުން ދޫކޮށްލަންއދ.ގެ ވޯކިން ގްރޫޕުން ރާއްޖެ އަށް ގޮވާލާފައި ވެސް ވެ އެވެ.
މިދިޔަ ނޮވެމްބަރު މަހު މަގާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންސާނީ ހައްގުތައް ދަމަހައްޓައި ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ ކަންތައްތައް ކަމުގައި ވިދާޅުވެފަ އެވެ.