07 ފެބުރުއަރީ 2019 - 12:11

ކޮލަމްބޯ (ފެބްރުއަރީ 7) - ޑްރަގުގެ ކުށްވެރިންނަށް ކުރިއަށް އޮތް ދެ މަސް ތެރޭ މަރުގެ އަދަބު ދޭން ފަށާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ލަންކާގައި މަރުގެ އަދަބު ދޭން މި ފަށަނީ 42 އަހަރަށް ފަހު އެވެ. ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް މަރުގެ އަދަބު ދިނުން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ލަންކާގައި މަރުގެ ހުކުމް ތަންފީޒް ކުރަން އުޅޭތީ ސިރިސޭނާ އަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރި އެވެ.
"ފުރަތަމަ މީހާގެ މައްޗަށް މަރުގެ އަދަބު ކުރިއަށް އޮތް ދެ މަސް ތެރޭ ދެވޭނެ ކަމަށް އުއްމީދު ކުރަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް މިކަމުގައި ޕްރެޝަރު ނުކުރަން،" ސިރިސޭނާ ވިދާޅުވި އެވެ.
ފިލިޕީންސަށް މިދިޔަ މަހު ކުރެއްވި ޒިޔާރަތަކަށް ފަހު ސިރިސޭނާ ވިދާޅުވެފައި ވަނީ ޑްރަގު ކުށްވެރިންނަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވާ އަދަބު ކޮޕީ ކުރަން ބޭނުންވާ ކަމަށެވެ.
ލަންކާގެ ޖަސްޓިސް މިނިސްޓަރު ތާލަތާ އަތުކޮރަލޭ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލާގައި ކުށްވެރިވެފައިވާ ފަސް މީހަކަށް މަރުގެ އަދަބު ދިނުމުގެ އިދާރީ އިޖްރާއަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ދެން އޮތީ އެ ލިޔުމުގައި ރައީސް ސިރިސޭނާ ސޮއި ކުރެއްވުން ކަމަށް ވިދާޅުވި އެވެ. މަރުގެ އަދަބު އެންމެ ފުރަތަމަ ދޭނީ ކިތައް މީހުންނަށް ކަމެއް ސިރިސޭނާ ވިދާޅެއް ނުވެ އެވެ.
ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ މީގެ 40 އަހަރު ކުރިންނެވެ.
ލަންކާ އިން މިހާރު ވަނީ ޖައްލާދަކު ހޯދަން އިއުލާންކޮށްފަ އެވެ. އެންމެ ފަހުން ލަންކާގައި ހުރި ޖައްލާދު ރިޓަޔާކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.