08 ފެބުރުއަރީ 2019 - 07:46

ސޯމާލިއާގެ ކަނޑުފޭރޭ ބައެއްގެ އަތްދަށުގައިވާ ކާގޯ ބޯޓެއްގެ ކެޕްޓަނެއްގެ ރޯލުން ޓޮމް ހޭންކްސް ފެނިގެން ދިޔަ 2013 ގެ ފިލްމު "ކެޕްޓަން ފިލިޕްސް" ގެ ޑައިރެކްޓަރު ޕޯލް ގްރީންގްރާންސްގެ ފިލްމެއް އަނެއްކާ ވެސް ހޭންކްސް އަށް ހުށަހަޅައިފި އެވެ.
މި ފަހަރުގެ ފިލްމަކީ 2016 ވަނަ އަހަރު ލިޔުންތެރިޔާ ޕޯލޭޓް ޖިލެސް "ނިއުސް އޮފް ދަ ވޯލްޑް" ގެ ނަމުގައި ގެނެސް ދިން ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ. މިއީ ސިވިލް ވޯގެ ދުވަސްވަރުގެ ހާދިސާތަކެއް ކިޔައިދޭ ވާހަކައެކެވެ.
ވެރައިޓީން ބުނި ގޮތުގައި "ނިއުސް އޮފް ދަ ވޯލްޑް" ގައި ހޭންކްސް ކުޅޭނީ ކެޕްޓަން ޖެފާސަން ކައިލް ކިޑް ކިޔާ ކެރެކްޓާއެކެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ އޮސްކާގައި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އެވޯޑް ހޯދި ފިލްމު "ލަޔަން" ގެ ސްކްރީން ރައިޓަރު ލޫކް ޑޭވީސްއާ އެވެ.
"ނިއުސް އޮފް ދަ ވޯލްޑް" ގެ އިތުރު ކާސްޓުން ވަރަށް އަވަހަށް އިއުލާންކޮށް، މީގެ ޝޫޓިން ވެސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެރައިޓީން ބުންޏެވެ.
ޕޯލް، 63، އެންމެ ފަހުން ބެލުންޔެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު ރިލީޒް ކުރި ކްރައިމް ޑްރާމާ "22 ޖުލައި" އެވެ.
އޮސްކާ ހާސިލުކޮށްފައިވާ ހޭންސްކް، 62، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރާ "އަ ބިއުޓިފުލް ޑޭ އިން ދަ ނޭބަހުޑް" ހިމެނެ އެވެ.
ފަންސާސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ކެޕްޓަން ފިލިޕްސް" އަކީ 218.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.