07 ފެބުރުއަރީ 2019 - 10:26

ނޯންޓްސް (ފެބްރުއަރީ 7) - ޕްރައިވެޓް ޖެޓެއް ވެއްޓި ގެއްލިފައިވާ ކާޑިފް ސިޓީގެ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އެ ކްލަބަށް ވިއްކާލި އަގު ހޯދަން ނޯންޓްސް އިން ކާޑިފް ގޮވައިގެން ކޯޓަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު ސަލާ ގެއްލުނީ ކާޑިފާ ގުޅެން ވެގެން އެއް އިންޖީލުލީ ބޯޓެއްގައި ދަތުރުކުރަނިކޮށެވެ. އޭނާ މަރުވެފައިވާކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނޫނެވެ. އެކަމަކު އެ ބޯޓުގެ ބައިތައް ވަނީ ހޯދައިފަ އެވެ. މީހެއްގެ ހަށިގަނޑު ވެސް އެ ސަރަހައްދުން ވަނީ ފެނިފަ އެވެ. އެކަމަކު އެއީ ސަލާ ނުވަތަ ބޯޓުގެ ކެޕްޓަންގެ ހަށިގަނޑުކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޑޮލަރަށެވެ.
ރިޕޯޓްތައް ބުނާގޮތުން ނޯންޓްސް އިން ވަނީ ކާޑިފަށް ސަލާގެ ޓްރާންސްފާ ފީގެ އެއް ބައި ދައްކަން 10 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެކަމަކު ކާޑިފުން އެދުނީ ސަލާ ހޯދުމުގެ މަސައްކަތް މި ވަގުތު ކުރިއަށްދާތީ އޭނާ އަށް ވީ ގޮތެއް ރަސްމީކޮށް ހުރިހާ ފަރާތްތަކުން ޔަގީންކުރަންދެން ޓްރާންސްފާ ފީ ދެއްކުން މަޑުޖައްސާލުމަށެވެ. އެކަމަކު ނޯންޓްސްގެ ވިސްނުން ހުރީ އެ ގޮތަކަށް ނޫނެވެ. އެ ކްލަބަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަންނަން ވީ އެންމެ އަވަހަކަށް ސަލާގެ ޓްރާންސްފާ ފީ އެއްކޮށް ހޯދުމަށެވެ. އެހެން ނޫން ނަމަ އެ މައްސަލަ ފީފާ ނޫނީ ސްވިޒަލެންޑުގެ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށްވެ އެވެ.
ސަލާގެ އާއިލާ އިން ފުރަތަމަ ބުނީ އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ބޯޓެއްގައި ކަމަށެވެ. އެކަމަކު އެއީ ސަލާ އާއި އޭނާގެ އޭޖެންޓް ވިލީ މެކާ ޕްރައިވެޓް ކުންފުންޏަކުން ހަމަޖެއްސި ދަތުރެއްކަން ފަހުން އެނގުނެވެ. މެކާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަތުރު ހަމަޖެއްސި ކުންފުނިން ބޯޓާއި ޕައިލެޓްގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. އެހެންވެ، އެކަމާ ބެހޭ ތަހުގީގެއް ޕޮލިހުން ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެކަމާ ބެހޭގޮތުން ނޯންޓްސް އިން ބުނީ ރަސްމީކޮށް ސަލާގެ ދަތުރުތައް ހަމަނުޖެއްސުމަކީ ކާޑިފްގެ އިހުމާލުން ވެފައި އޮތް ކަމެއް ކަމަށާއި އެހެންވެ، މީގެ އެންމެ ޒިންމާ ބޮޑީ ކާޑިފްގެ ކަމަށެވެ.