ނަވާޒުއްދީންގެ ކޮއްކޮ ޝަމަޝްގެ އަލަތު ފީޗާ ފިލްމުގެ ބަތަލާގެ 
 ރޯލް ޝްރަދާ އަށް ހުށަހަޅައިފި
ނަވާޒުއްދީންގެ ކޮއްކޮ ޝަމަޝްގެ އަލަތު ފީޗާ ފިލްމުގެ ބަތަލާގެ ރޯލް ޝްރަދާ އަށް ހުށަހަޅައިފި

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމު "ބޯލެ ޗޫޅިޔާ" ގެ ބަތަލާގެ ރޯލް ޝްރަދާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަވާޒުއްދީންގެ ކޮއްކޮ ޝަމަޝްގެ އަލަތު ފީޗާ ފިލްމުގެ ބަތަލާގެ 
 ރޯލް ޝްރަދާ އަށް ހުށަހަޅައިފި
ނަވާޒުއްދީންގެ ކޮއްކޮ ޝަމަޝްގެ އަލަތު ފީޗާ ފިލްމުގެ ބަތަލާގެ ރޯލް ޝްރަދާ އަށް ހުށަހަޅައިފި

ނަވާޒުއްދީން، 44، ބަތަލުގެ ރޯލް ކުޅޭ ފިލްމު 31 އަހަރުގެ ބަތަލާ އަށް ހުށަހެޅި ނަމަވެސް އޭނާ ފިލްމަށް ސޮއިކުރިކަން އަދި ކަށަވަރެއް ނޫނެވެ. ޑެކަން ކްރޮނިކަލްސް އިން ބުނި ގޮތުގައި ޝަމަސް ވަނީ ޝްރަދާއާ ބައްދަލުކޮށް، "ބޯލެ ޗޫޅިޔާ" ގެ ސްކްރީންޕްލޭ އޭނާ އަށް ނެރޭޓްކޮށް ދީފަ އެވެ.

ނަމަވެސް މި އަހަރަކީ އޭނާ އަށް ވަރަށް ބުރަ އަހަރަކަށްވާތީ ފިލްމަށް އެއްބަސްވުމާ ދޭތެރޭ އަދި ވަކި ގޮތެއް ނުނިންމަ އެވެ. މި ވަގުތު ލަންޑަނުގައި ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ މަސައްކަތް ކުރަމުން އަންނަ ޝްރަދާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނިތޭޝް ތިވާރީގެ "ޗިޗޯރް"، ޕްރަބާސްއާ އެކު ކުޅޭ "ސާހޯ" އަދި އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހެވާލްގެ ބައޮޕިކް "ސައިނާ" ހިމެނެ އެވެ.

މިދިޔަ މަހު ރިލީޒް ކުރި ބައޮގްރަފިކަލް ޑްރާމާ "ތަކެރީ" އިން ފެނިގެން ދިޔަ ނަވާޒުއްދީންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ އަދި ސާނިޔާ މަލްއުތުރާ ބަތަލާގެ ރޯލް ކުޅެފައިވާ "ފޮޓޯގްރާފް" އެވެ.

އޭނާ މިހާރު އަންނަނީ ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީއާ އެކު "މޯޓީޗޫރް ޗަކްނަޗޫރް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ބޯލެ ޗޫޅިޔާ" އާ އެކު ޝަމަސް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ އިރު، އޭނާ މީގެ ކުރިން ވަނީ "މިޔަން ކަލް އާނާ" ގެ ނަމުގައި 17 މިނިޓްގެ ކުރު ފިލްމެއް ހަދައި، އެ ފިލްމު 2015 ގައި ކާންސް ފިލްމު ފެސްޓިވަލްގައި ދެއްކުމުގެ ޝަރަފު ވެސް ހޯދައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބޯލެ ޗޫޅިޔާ" އަކީ އުއްތަރު ޕްރަދޭޝްގައި ހިނގާ ލޯބީގެ ހާދިސާއެއް ކިޔައިދޭ ފިލްމެކެވެ.