އިންޑިއާ މީހެއްގެ ބަނޑުން 40 ވަޅި ނަގައިފި
އިންޑިއާ މީހެއްގެ ބަނޑުން 40 ވަޅި ނަގައިފި

އަމްރިތުސާ (އޮގަސްޓް 24) - އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ އަމްރިތުސާގެ ފިރިހެނެއްގެ ބަނޑުން އޮޕަރޭޝަން ކޮށްގެން 40 ވަޅި ނަގާފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

އިންޑިއާ މީހެއްގެ ބަނޑުން 40 ވަޅި ނަގައިފި
އިންޑިއާ މީހެއްގެ ބަނޑުން 40 ވަޅި ނަގައިފި

އުމުރުން 42 އަހަރުގެ މީހާ މި ވަޅިތައް ދިރުވާލާފައި ވަނީ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޖަޓިންޑާ މަލްހޯލްޓްރާ ބީބީސީ އަށް ބުނީ ބަނޑުގައި ރިއްސާތީ އެ މީހާ މިދިޔަ ހަފުތާގައި އޭނާއާ ބައްދަލުކުރި ކަމަށެވެ. އަދި ވަޅިތައް ދިރުވާލި ވާހަކަ އެ މީހާ ޑޮކްޓަރުން ގާތު ނުބުނާ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

"ޓެސްޓްތައް ހެދީމާ އެނގުނީ އެ މީހާ ވަޅި 'ކައިފައި' ހުރިކަން،" ޑޮކްޓަރު ބުންޏެވެ.

އޮޕަރޭޝަނަށް ފަހު އެ މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށާއި މިހާރު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ. ފިރިހެން މީހާގެ ބަނޑުން ވަޅިތައް ނެގުމަށް ކުރި އޮޕަރޭޝަނުގައި ފަސް ޑޮކްޓަރުން ބައިވެރިވި އެވެ. އަދި ވަޅިތައް ނަގަން ކުރި އުނދަގޫ އޮޕަރޭޝަނަށް ފަސް ގަޑިއިރު ހޭދަވި އެވެ.

ޑޮކްޓަރުން ދަނީ އެ ފިރިހެން މީހާ ވަޅިތައް ކެއީ ކީއްވެކަން ބަލަމުންނެވެ.

"އެ މީހާ ވަޅިތައް ކެއީ ކީއްވެ ކަމެއް ނޭނގޭ. އެކަމަކު ލަފާކުރެވެނީ އެއީ ނަފްސާނީ މައްސަލައެއްގެ ސަބަބުން އޭނާ ކުރި ކަމެއް ކަމަށް،" ޑޮކްޓަރު ބުންޏެވެ. "އޭނާ އަށް މިހާރު ދަނީ ކައުންސިލިން ދެމުން. އޭނާ ވަނީ ދެން ވަޅިއެއްގައި އަތް ވެސް ނުލާނެ ކަމަށް ބުނެފައި. އެކަމަކު އޭނާގެ އާއިލާ އިން އޭނާ ރަނގަޅަށް މޮނިޓާ ކުރަން ޖެހޭނެ."