ފުރުސަތުގެ ބޭނުން ހިފައި ސިޓީ އެއް ވަނަ އަށް
ފުރުސަތުގެ ބޭނުން ހިފައި ސިޓީ އެއް ވަނަ އަށް

ލިވަޕޫލް (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން ދަނޑުގައި އެ ޓީމު އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗަކީ ކުރިން މި މަހު 24 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެޗެކެވެ. މި މެޗު އަވަސްކުރީ އެ ދުވަހު ލީގު ކަޕް ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުންނެވެ.

ސިޓީ އެއް ވަނަ އަށް އެރީ 26 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ސިޓީން އެއް މެޗު އިތުރަށް ކުޅެފައިވާއިރު، ލިވަޕޫލުން ނުކުޅެ އޮތް މެޗަކީ މި މަހު 24 ވަނަ ދުވަހު ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ރޭގެ މެޗަށް އެވަޓަން އިން ނުކުތީ އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ސީމަސް ކޯލްމަން، ރިޗާލިސަން އަދި ގިލްފީ ސިގަޑްސަން ހިމެނެ އެވެ. އެ ކުޅުންތެރިން ނުލައި އެވަޓަން އިން ފެށީ މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ވުލްވްސް މެޗުގައި އެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ދަށްވުމުންނެވެ.

ސިޓީ އަށް މެޗުގައި ލީޑުނަގައިދޭން މެޗުގެ ކުރީކޮޅުގައި ޑޭވިޑް ސިލްވާ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑި އަށް އަމާޒުވެފަ އެވެ. އޭގެ ފަހުން އެވަޓަންގެ ބްރެޒިލް ވިންގް ބެނާޑް ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީ އަށް ލީޑުނަގައިދިނީ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. ސިލްވާ ނަގައިދިން ހުރަހަކުން ލަޕޯޓް މި ލަނޑު ޖެހީ ބޮލުންނެވެ.

ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަަމަ ކުރަން އެވަޓަން އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާގޮތެއްނުވި އެވެ. ސިޓީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ގަބްރިއެލް ޖީސޫސް އެވެ. އޭނާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު 15 ވަނަ ދުވަހަށް ފަހު ސިޓީ އަށް ލީގުގެ އެއް ވަނަ ލިބުނު ފުރަތަމަ ފަހަރެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ވަރަށް އަވަހަށް ކަމަށާއި ސިޓީން އާ އަޒުމެއްގައި މަސައްކަތްކުރަން ފެށި ރޫހު ފެނުނީ މިދިޔަ މަހު ކުރީކޮޅުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 2-1 އިން މޮޅުވި މެޗުގައި ކަމަށެވެ.

"އެއް މެޗު އިތުރަށް ކުޅެގެން ވެސް އެއް ވަނަ އަށް އެރުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް ވަރަށް ޕޮޒިޓިވް ކަމެއް. ހަގީގަތަކީ މީގެ އެއް މަސް ކުރިން އަހަރެމެން ލިވަޕޫލާ ދެކޮޅަށް ކުޅުނުއިރު 10 ޕޮއިންޓުގެ ފަރަގެއް އޮތުމުގެ ފުރުސަތު ވެސް އޮތް. އެކަމަކު އެކަން ނުވީ ސިޓީން ދެއްކި ތަފާތުން،" ކުރިން ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.