07 ފެބުރުއަރީ 2019 - 00:10

ޖަލުގެ ހާލަތު ދެނެގަތުމަށް އުފައްދާފައިވާ ކޮމިޝަނުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ މިއަދު ބައްދަލުކޮށްފި އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ހައްޔަރުކޮށްފައި ހުރި 237 ދުވަހުގެ ތެރޭގައި ކުރިމަތިިވެވަޑައިގެންނެވި ސިއްހީ ނުރައްކާތަކާއި ނަފްސާނީ ޕްރެޝަރު، ޖަލު އޮޑިޓްކުރާ ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށެވެ.
އެހެން ގައިދީން ވަނީ، އެމަނިކުފާނަށް ވުރެ ބޮޑަށް މި އުނދަގޫތައް ތަހައްމަލުކޮށްފައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެކަމާ ގުޅުވައިގެން ކުރެއްވި ދެ ވަނަ ޓްވީޓުގައި މައުމޫން ވިދާޅުވީ ދޫނިދޫ އަދި މާފުށީ ޖަލުގެ ޖޫނިއާ މުވައްޒަފުން ރަނގަޅަށް ކަންތައް ކުރެއްވި ކަމަށެވެ. މައްސަލައަކަށްވީ އެތަންތަނުގެ އިސްވެރިންކަން ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރީ، ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ކުއްލި ހާލަތު އިއުލާނުކުރުމަށްފަހު އެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ވަނީ ޖަލުގައި ހުންނެވިއިރު ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ. އެ ބައްޔާ ގުޅިގެން އެމަނިކުފާނަށް އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ.
މައުމޫން ހައްޔަރުކޮށް ޖަލުގައި ބެހެއްޓުމަށް ފަހު، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާކޮށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ހުކުމް ވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް މައުމޫންގެ މައްޗަށް ކުރި އެވެ. އެ ދައުވާ މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.