06 ފެބުރުއަރީ 2019 - 20:31

ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސް ރޫމެއް، އުރީދޫގެ ފަރާތުން ސަރުކާރަށް ހަދިޔާކުރާނެކަން އިއުލާންކޮށްފި އެވެ.

އުރީދޫގެ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ އުނގަންނައި ދިނުމުގެ ޕްލެޓްފޯމެއް ކަމަށްވާ ސްމާޓް ކެމްޕަސް މެދުވެރިކޮށް، ބަންދުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމައަށް ނުކުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް ހާއްސަ ކްލާސްތަކެއް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ރާއްޖޭގެ ޔުނިވަސިޓީތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްތަކުގެ މަގްސަދަކީ މުޖުތަމައުއަށް އަލުން ނުކުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުން ކަމަށް އުރީދޫން ބުނެ އެވެ.
މިކަން އިއުލާނު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާނާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވި އެވެ.
"ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް މީގެކުރިން ލިބިފައިނުވާ ފަދަ އީޖާދީ ފުރުޞަތުތަކެއް ފަހިވެގެންދޭ. މި ހިންގޭ ތައުލީމީ ޕްރޮގްރާމްތަކުގެ ސަބަބުން، އަލުން މުޖުތަމައުއަށް ނުކުންނަ ޒުވާނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަމެއް ލިބޭނެ،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.
ސްމާޓް ކެމްޕަސްއަކީ، އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، މައިކްރޮސޮފްޓް އިން އެޑިއުކޭޝަންއިން ފޯރުކޮށްދޭ ކްލައުޑް ޕްލެޓްފޯމް މެދުވެރިކޮށް ހިންގޭ ތައުލީމީ ސޮލިއުޝަނެކެވެ.