އަފްޣާނިސްތާން އެކުގައި ހިފާކަށް ނޫޅެން: ތާލިބާން
އަފްޣާނިސްތާން އެކުގައި ހިފާކަށް ނޫޅެން: ތާލިބާން

ކާބުލް (ފެބްރުއަރީ 6) - ގަދަބާރުން އަފްޣާނިސްތާން އެކުގައި ހިފަން މަސައްކަތް ނުކުރާ ކަމަށް ތާލިބާނުން ބުނެފި އެވެ.

އެމެރިކާއާ އެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ތާލިބާންގެ އޮފިޝަލަކު ވިދާޅުވީ އަފްޣާނިސްތާނުގައި ތިބޭ ބޭރުގެ ހުރިހާ ސިފައިން ފޭބުމުން ނޫނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.

ގަތަރުގައި ހުންނަ ތާލިބާންގެ ސިޔާސީ އޮފީހުގެ ވެރިއަކަށް ވަރަށް ފަހަކާ ޖެހެންދެން ހުންނެވި ޝޭރް މުހައްމަދު އައްބާސް ސްޓެނިކްޒައި ވިދާޅުވީ ތާލިބާނުން 1990 ގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި ވެރިކަން ކުރީ އެ ގައުމުގެ ހަތިޔާރު އެޅި އެހެން ޖަމާއަތްތަކުން މިހާރަށް ވުރެ މާބޮޑަށް ދެކޮޅު ހަދަމުން ދަނިކޮށް ކަމަށެވެ.

"ހަނގުރާމައަކަށް ވުރެ އުނދަގޫވާނީ ސުލްހަ ހޯދަން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާއާ އެކު ތާލިބާނުން މަޝްވަރާތައް ކުރިއަށް ގެންދަނީ އެ ގައުމުގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ގުޅޭ ގޮތުންނެވެ. އަދި ބައިނަލްއަގުވާމީ ހަނގުރާމަވެރި އެއްވެސް ޖަމާއަތުން އަފްޣާނިސްތާނަށް އަތްގަދަ ނުކުރެވޭނެ ކަމުގެ ޔަގީންކަން ތާލިބާނުން ދެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ބޮޑު ބައެއް އަނބުރާ ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރީ 1996-2001 އަށެވެ.

އަފްޣާން ސަރުކާރާ އެކު ސީދާ ވާހަކަތައް ބޭއްވުމަށް ތާލިބާނުން ދަނީ ދެކޮޅު ހަދަމުންނެވެ. ތާލިބާނުން ބުނެފައި ވަނީ އަފްޣާނިސްތާން ސަރުކާރުގައި ތިބީ އެމެރިކާގެ ޕަޕެޓުން ކަމަށެވެ.