06 ފެބުރުއަރީ 2019 - 12:59

ވޮޝިންޓަން (ފެބްރުއަރީ 6) - އެމެރިކާގެ ރައީސްކަމުގެ މަގާމަށް އޭނާ ހޮވިވަޑައިނުގެންނެވި ނަމަ އެ ގައުމު މިހާރު އޮތީ ނޯތު ކޮރެއާއާ އެކު ވަރުގަދަ ހަނގުރާމައެއްގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ޓްރަމްޕް ވިދާޅުވީ ނޯތު ކޮރެއާގައި ތިބި އެމެރިކާގެ ރަހީނުން އަނބުރާ ގައުމަށް އަތުވެއްޖެ ކަމަށާއި ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓް ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ނޯތު ކޮރެއާ އިން މިސައިލް ޓެސްޓެއް ނުކުރާތާ 15 މަސް ދުވަސް ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕުގެ ރިޔާސީ ބަޔާނުގައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ދެ ވަނަ ސަމިޓް ބާއްވާނެ ތާރީޚް ވެސް އިއުލާން ކުރައްވައިފަ އެވެ. އެ ސަމިޓް ބާއްވަން ހަމަޖައްސާފައި ވަނީ މި މަހު 27-28 ގައި ވިއެޓްނާމުގަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފުރަތަމަ ސަމިޓް ބޭއްވީ ސިންގަޕޫރުގަ އެވެ. އެއީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ނޯތު ކޮރެއާގެ ލީޑަރަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
"ކުރަން ޖެހޭ މަސައްކަތް އަދިވެސް ގިނަ. އެކަމަކު ނޯތު ކޮރެއާގެ ލީޑަރާ އެކު ރަނގަޅު ގުޅުމެއް އުފެދިއްޖެ،" ކޮންގްރެސްގައި ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.