ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަނީސް ބަޒްމީގެ ކުރިއަށް އޮތް ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އަންނަ ޑިސެމްބަރު މަހުގެ 6 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެ ތާރީހަށް ފިލްމު ތާވާލު ކުރުމާ އެކު، ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހޭނީ އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" އާ އެވެ. އެ ފިލްމުގެ ތަރިންނަކީ އަރުޖުން ކަޕޫރް، ކްރިތީ ސެނަން، ސަންޖޭ ދަތު އަދި ޕަދްމިނީ ކޯލަޕޫރީ އެވެ.

ކޮމެޑީ ފިލްމުތައް ގެނެސްދޭން ކުޅަދާނަ ބަޒްމީގެ "ޕާގަލްޕަންތީ" ބޮޑު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ. އޭގެ ތެރޭގައި އަނިލް ކަޕޫރް، ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރީޒް، ޕުލްކިތު ސަމްރާޓް، ކްރިތީ ކަރްބަންދާ އުރްވަޝީ ރޮޓޭލާ އަދި އަރްޝަދު ވަރްސީ ހިމެނެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު މި ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ފަށާނެ އެވެ. މަންޒަރުތައް ނަގާނ ލަންޑަނާއި ލީޑްސްގަ އެވެ. "ވެލްކަމް" އާއި "ނޯ އެންޓްރީ" އަދި ޕިޔާރް ތޯ ހޯނާ ހިތާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ބަޒްމީ އެންމެ ފަހުން ގެނެސް ދިނީ 2017 ގައި ރިލީޒް ކުރި "މުބާރަކަން" އެވެ.

އަނޫރާގް ބާސޫ މިހާރު ހަދަމުން އަންނަ އެންތޮލޮޖީ ފިލްމަށް ސާނިޔާ މަލްއުތުރާ ވެސް ސޮއިކޮށްފި އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" ގެ ބަތަލާ މިހާރު ވަނީ ފިލްމުގެ ޝޫޓިން ވެސް ފަށައިފަ އެވެ. އަދި ނަން އިއުލާންކޮށްފައިވާ އަނޫރާގްގެ އައި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސާނިއާއާ އެކު "ޑަންގަލް" އިން ބޮލީވުޑަށް ތައާރަފުވި ފާތިމާ ސަނާ ޝެއިހް ވެސް ހިމެނެ އެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަބީޝެކް ބައްޗަން، ރާޖްކުމާރް ރާއޯ އަދި އަދިތިޔާ ރޯއި ކަޕޫރް ހިމެނެ އެވެ.

"ބަރްފީ" އާއި "ލައިން އިން އަ...މެޓްރޯ" ފަދަ ފިލްމުތައް ގެނެސް ދިން އަނޫރާގެ އައި ފިލްމު ރިލީޒް ކުރާނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.

ސާނިޔާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ "ފޮޓޯގްރާފް" އިންނެވެ.

ޕައްޕޫ ޕޮލިސްޓަރުގެ ނަމުން މަޝްހޫރުވި އެކްޓަރު ސައީދު ބަދުރުލް ހާން ބަހާދޫރު އަންގާރަ ދުވަހު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވޫ ލަކްނޫގަ އެވެ. އެކަމަކު މަރާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. ކްލަސިކަލް ނެށުންތެރިއެއްގެ ގޮތުގައި ވެސް ކުޅަދާނަ ޕައްޕޫ އެންމެ ފަހުން ކުޅުނު ފިލްމަކީ 2007 ގައި ރިތިކް ރޯޝަނާއި އައިޝްވާރިޔާ ރާއީ ލީޑް ރޯލް ކުޅުނު "ޖޯދާ އަކްބަރު" އެވެ.

އޭނާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ހާންގެ "ޕިރް ބީ ދިލް ހޭ ހިންދުސްތާނީ" އާއި އާމިރު ހާންގެ "މަން" ގެ އިތުރުން ބޮބީ ޑިއޯލްގެ "ބާދަލް" ހިމެނެ އެވެ. ޕައްޕޫ ވަނީ ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

މިއީ އެއްގޮތަކަށް ވެސް ކަރަން ޖޯހަރުގެ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ ވާހަކައެއް ނޫނެވެ. އެކަމަކު އެ ނަމުގައި ހަދާފައިވާ މުޅިން ތަފާތު ވީޑިއޯ ލަވައެއްގެ ވާހަކަ އެވެ.

ކޮލެޖް ދަރިވަރުންތަކެއްގެ ގޮތުގައި ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އާއި އޭނާގެ ބޭބެ އަދި ލަވަކިޔުންތެރިޔާ ޓ\ޯނީ ކައްކަރްގެ އިތުރުން "ބިގް ބޮސް 11" ގައި ވާދަ ކުރި ޕްރިޔަންކް ޝަރުމާ ފެނިގެންދާ "ކުޗް ކުޗް ހޯތާ ހޭ" އަކީ ޓޯނީ ކިޔާފައިވާ ލަވައެކެވެ. މި ލަވައިގެ މިއުޒިކް ވެސް ހަދާފައި ވަނީ ޓޯނީ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އަކީ މި މަހުގެ 14 ގައި ފާހަގަ ކުރާ ވެލެންޓައިސް ޑޭއާ ދިމާކޮށް ގެނެސް ދީފައިވާ ލަވައެކެވެ.