ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އިސްތިއުފާ ދެއްވައިފި އެވެ.

އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ އެސްޖީގެ މަގާމުން މިދިޔަ ހުކުރު ދުވަހު ސަމީރު އިސްތިއުފާދެއްވީ ދައުލަތުގެ މުހިއްމު މަސައްކަތްތައް ކުރައްވަން ޖެހޭތީ އާއި ދުވަހުން ދުވަހަށް ޕާޓީ ހިންގެވުމުގައި އަމަލީގޮތުން ބައިވެރިވުމަށް ދަތިވާތީ ކަމަށެވެ.

"ސަމީރުގެ މަސައްކަތަށް ޕާޓީގެ ލީޑަޝިޕާއި ލީޑަރު އަދި އެންމެހާ މެންބަރުން ޝުކުރު އަދާކުރައްވައި އަދި ކުރިއަށް އޮތް ތަނުގަައި ވެސް ޖޭޕީއަށް ސަމީރުގެ ހިދުމަތް ލިބޭނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވި،" ޖޭޕީގެ ތަރުޖަމާނުކަން ކުރައްވާ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވި އެވެ.

ޖޭޕީގެ އެސްޖީގެ މަގާމަށް ސަމީރު ހަވާލުވެވަޑައިގަތީ 2014 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ސިޔާސީގޮތުން ގިނަ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތް ކުރައްވާފައިވެ އެވެ.

ސަމީރުގެ ބަދަލުގައި ޖޭޕީގެ އެސްޖީއަކަށް މިހާރު ވަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ހަމަޖައްސައިފަ އެވެ. އޭނާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހުގަ އެވެ. އޭގެ މީގެ ކުރިން ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ މޫސާ މުޝްތާގު ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް އައްޔަންކުރައްވައިފަ އެވެ.

ހެލްތު ކެއާ މެނޭޖްމަންޓުން މާސްޓާސް ހާސިލްކުރައްވާފައިވާ ހުސެއިން އެސްޖީއަކަށް އައްޔަންކުރެއްވިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.