07 ފެބުރުއަރީ 2019 - 08:20

ލެޕަޑް ސީލްއެއްގެ ނަޖިހުގެ ތެރެއިން ފެނުނު ޕެންޑްރައިވެއްގެ ވެރި ފަރާތް ހޯދަން ނިއު ޒިލެންޑްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓަ އެންޑް އެޓްމޮސްފެރިކް ރިސާޗް (އެންއައިޑަބްލިއުއޭ) އިން އިއުލާންކޮށްފި އެވެ.
މި ޕެންޑްރައިވް ފެނުނީ ވޮލަންޓިއާކޮށް އެންއައިޑަބްލިއުއޭގައި މަސައްކަތް ކުރަމުން އަންނަ ދެ ސައިންޓިސްޓުން ކަމަށްވާ ޖޮޑީ ވެރެން އާއި މެލަނީ މެގްނޭންއަށެވެ.
އެ މީހުން ބުނީ ޕެންޑްރައިވް ފެނުނީ އެންޓާޓިކާގައި ދިރިއުޅޭ ލެޕަޑް ސީލްގެ ބޮޑުކަމުދާ ތަކެތި ދިރާސާއަކަށް ޓެސްޓް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"ތަންކޮޅެއް ހަރު އެއްޗެއް އަތުގައި ޖެހޭތީ ބަލައިލި އިރު ނަޖިހުގެ ތެރެއިން ފެނުނީ ޕެންޑްރައިވެއް،" ޖޮޑީ ބުންޏެވެ. "މިއީ އަސްލު ވަރަށް ދެރަކަމެއް. ޕްލާސްޓިކް އެކުލެވޭ މިކަހަލަ އެއްޗެހި މޫދާއި ކަނޑަށް އެޅުމުގެ ސަބަބުން އެތަންތަނުގެ ދިރުންތަކުގެ ސިއްހަތު ވެސް ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިވާކަން މިފަދަ ކަންކަމުން އެނގެނީ."
ޖޮޑީ އާއި މެލަނީ ބުނި ގޮތުގައި ނަޖިހުގެ ތެރެއިން ފެނުނު ޕެންޑްރައިވް ވަރަށް ބޮޑަށް ފޯވެފައި އޮތުމުން އެ މީހުން އޭތި ހިއްކަން ބޭއްވުމަށް ފަހު، މަސައްކަތް ކުރޭތޯ ބެލި އެވެ. އަދި ޕެންޑްރައިވް އޮތީ ރަނގަޅު ހާލަތުގައި ކަމަށް ބުންޏެވެ.
އޭގައި ސީލްތަކުގެ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް ހުއްޓެވެ. އެހެންވެ އެންއައިޑަބްލިއުއޭ ވަނީ ޕެންޑްރައިވްގައި އިން ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ޕެންޑްރައިވްގެ ވެރިފަރާތުން އެ ހޯދަން ދިއުމަށް އިލްތިމާސްކޮށްފަ އެވެ.
"މީގެ ވެރިފަރާތަށް އަހަރެމެން ސާފުކޮށްދޭން ބޭނުން ލެޕަޑް ސީލްގެ ކެއުމަކީ ޕެންޑްރައިވާއި ޕްލާސްޓިކް ނޫންކަން. އެހެންވީމާ ޕެންޑްރައިވް އަނބުރާ ހޯދަން އަންނަ އިރު، އަހަރެމެންނަށް ޔަގީންކަން ދޭން ވާނެ މިފަދަ އެއްޗެހި މޫދާއި ކަނޑަށް ދޫކޮށް ނުލާނެކަން." އެންއައިޑަބްލިއުއޭ ބުންޏެވެ.