24 އޯގަސްޓް 2016 - 16:14

ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް (ނަމްސް) ގައި އެކި ދާއިރާތަކުން ހާއްސަވުމުގެ ފުރުސަތު އައިޖީއެމްއެޗްގެ ދިވެހި އަށް ޑޮކްޓަރަކަށް ސަރުކާރުން މިއަދު ދީފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސްކޮލަޝިޕް ލިބުނު ޑޮކްޓަރުން އަންނަ ހުކުރު ދުވަހު ނޭޕާލަށް ފުރާނެ އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގެ ކުރިއެރުމަށާއި ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އެންމެ އިސްކަމެއް ދެނީ އެކި ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ޑޮކްޓަރުންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތު މި ލިބުނީ ނަމްސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ. މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރާ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ސަރުކާރުގެ ވަރަށް މުހިންމު ޕްރޮޖެކްޓެއް. ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރިއަށް ގެންދިއުމަށް އިތުރު ޕްރޮގްރާމްތައް ރާވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ މި އަހަރު ބަޖެޓު ކުރެވުނު ކަމެއް ނޫން. ފިނޭންސް މިނިސްޓްރީން ދެއްވައިގެން ރައީސްގެ ހާއްސަ ހުއްދައެއްގެ ދަށުން މިކަން ހަމަޖެހުނީ."
ނާޒިމް ވިދާޅުވީ ސްޕެޝަލިސްޓެއްގެ ގޮތުގައި ޑޮކްޓަރަކު ތަމްރީންކުރަން ނުވަ ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެހެންކަމުން ޑޮކްޓަރުންނާ އެކު ވި އެއްބަސްވުމަށް ފުރިހަމައަށް އިހްތިރާމްކޮށް، އެނބުރި ރާއްޖެ އައިސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިތިބެން މިނިސްޓަރު އެދިވަޑައިގަތެވެ.
ސަރުކާރުގެ އެހީގައި މިވަގުތު ނަމްސްގައި 13 ޑޮކްޓަރަކު ތަފާތު ދާއިރާތަކުން ހާއްސަވުމުގެ ކޯސްތަކުގައި ދަނީ ކިޔަވަމުންނެވެ. މީގެ އިތުރުން ނޭޕާލްގެ ޓްރިބުވަން ޔުނިވާސިޓީއާ އެކު ވި އެއްބަސްވުމުގެ ދަށުން 17 ޑޮކްޓަރަކަށް ތަމްރީނުވުމުގެ ފުރުސަތު މިދިޔަ އަހަރު އެ ޔުނިވާސިޓީން ވަނީ ދީފަ އެވެ.